އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ކޮންމެވެސް މިންވަރެއް ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށް ވެސް ލިބިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކަށް ހިޔާނާތުގެ ފައިސާއިން ވަކި މިންވަރެއް ލިބިފައިވާ ކަމަށް މިހާތަނަށް ތަހުގީގުން ފާހަގަ ކުރެވިފައި އެބަހުރި ކަމަށެވެ. ނަމަވެސް ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ ނަމެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

ދުއިސައްތަ ފަސްދޮޅަސް މީހުންގެ ލިސްޓުގައި ތަފާތު ސިޔާސީ ވެރިން އެބަ ހިމެނޭ. އޭގެތެރޭގައި އެމްޑީޕީވެސް އެބަ ހިމެނޭ އޭގެތެރޭގައި ޕީޕީއެމް ވެސް ޑީއާރްޕީވެސް ހިމެނޭ މިހެން ގޮސް ތަފާތު ސިޔާސީ ވިސްނުމަށް ނިސްބަތްވާ ބޭފުޅުން އެބަ ހިމެނޭ. ދެން އޭގެތެރޭގައި މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންވެސް ހިމެނޭ،"
ޕީޖީ ޝަމީމް

ޝަމީމް ވިދާޅުވީ ތަހުގީގު ކުރިޔަށް ދާއިރު ބޭފުޅުންގެ ނަންތައް ހާމަ ނުކުރަނީ ނަން ހާމަ ކޮށްގެން އެއްވެސް ބޭފުޅެއްގެ އަބުރު ކަތިލަން ބޭނުންފުޅު ނުވާތީ ކަމަށެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހަޅާ ހިސާބުން މީޑިއާތަކަށް ވެސް އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުގެ ބަހުން ދަންނަވާނަމަ މި މައްސަލާގައި އިތުރު "ކްލަސްޓާއެއް" ވެސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން އެއްބަޔަކީ ލޯ އެންފޯސްމަންޓުގެ ބޭފުޅުން ކަމަށާއި އޭގެތެރޭގައި ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންވެސް ހިމެނޭ ކަމަށެވެ. އެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މަސައްކަތް ކުރަމުން ދަނީ އެ މައްސަލަތަކުގެ ތަހުގީގުވެސް ވީހާވެސް އަވަހަށް ނިންމާލެވޭތޯ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި މައްސަލާގައި ދެން އުޅޭ ބަޔަކީ ސިޔާސީ ބައެއް ވެރިން ކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުންވެސް ހިމެނޭ ކަމަށާއި ނަމަވެސް އެބޭފުޅުންނަކީ މައްސަލައިގެ މައިގަނޑުގައި އުޅޭ ބޭފުޅުން ކަމަށް ނުވެދާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލައަކީ ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުން ގާތު އިންސާފުވެރި ތަހުގީގެއް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ މައްސަލައެކެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވަނީ އުފައްދަވާފައެވެ. ނަމަވެސް އެ ކޮމިޝަނުގެ މަސައްކަތުގެ ސްޕީޑު ލަސް ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.