އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ ތެރޭގައި އެންމެ ބޮޑުކޮށް އުޅެނީ ހައެއްކަ މީހުން ކަމަށެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ތިން ބޭފުޅެއް ކަމަށާއި އެއީ މުޅި ނިޒާމު ހިންގާ ރޭވުމުގައި އުޅުއްވި ތިން ބޭފުޅުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރުގެ ބަހުން ދަންނަވާނަމަ މި މައްސަލާގައި އިތުރު "ކްލަސްޓާއެއް" ވެސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން އެއްބަޔަކީ ލޯ އެންފޯސްމަންޓުގެ ބޭފުޅުން ކަމަށާއި އޭގެތެރޭގައި ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންވެސް ހިމެނޭ ކަމަށެވެ. އެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މަސައްކަތް ކުރަމުން ދަނީ އެ މައްސަލަތަކުގެ ތަހުގީގުވެސް ވީހާވެސް އަވަހަށް ނިންމާލެވޭތޯ ކަމަށް ޝަމީމް ވިދާޅުވިއެވެ.
މި މައްސަލާގައި ދެން އުޅޭ ބަޔަކީ ސިޔާސީ ބައެއް ވެރިން ކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުންވެސް ހިމެނޭ ކަމަށާއި ނަމަވެސް އެބޭފުޅުންނަކީ މައްސަލައިގެ މައިގަނޑުގައި އުޅޭ ބޭފުޅުން ކަމަށް ނުވެދާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މައްސަލައަކީ ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުން ގާތު އިންސާފުވެރި ތަހުގީގެއް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ މައްސަލައެކެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވަނީ އުފައްދަވާފައެވެ. ނަމަވެސް އެ ކޮމިޝަނުގެ މަސައްކަތުގެ ސްޕީޑު ލަސް ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.
މީ އެމްޑީޕޯ އެކްޓިވިސްޓެއް މީނަދައްކާނީވެސް ސިޔާސީ ވާހަކަ. މީނަކުރާކަމެއް ބަލައެއް ނުގަނެވޭނެ. ސްޕރީމް ކޯޓުގަވެސް ސިފައިންގެއާ ފުލުސްއޮފީހުގަވެސް ކޮމިޝަންތަކަށް އިސްކޮށް ލާފަތިބީވެސް އެކްޓިވިސްޓުން.