ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، މާލެ ސިޓީ ލޮކްޑައުން ކުރިތާ ދެ މަސް ފަހުން ބޮޑެތި ލުއި ތަކެއްދީ މާލެ ސިޓީ ހުޅުވާލީ މިދިޔަ ހޯމަ ދުވަހެވެ. ހެނދުނު 5 އިން ރޭގަނޑު 10 ގެ ނިޔަލަށް އާންމުންނަށް ބޭރަށް ނިކުންނަން ހުއްދަ ދިނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް ހަނދާން ކޮށްދެމުންނެވެ.

މާލެ ސަރަހައްދު ހުޅުވާލުމާއެކު، އާއިލާ އެއްކޮށް މަޖާކޮށް ޕިކްނިކް ހަދާލުމަށާއި، ކުޑަކުދިން ގޮވައިން ބޭރަށް ނިކުތުމަށް އަދި މޫދަށް އެރުން ފަދަ ހިތަށް ހަމަޖެހުން ގެނެސްދޭ ކަންކަމުގައި މަޟްއޫލުވުމަށް އެންމެން އަވަސްވެގަތީއެވެ. ޕިކްނިކް ހަދާ، މޫދަށް އެރިލާ މަޖާކޮށްލުމަށްފަހު ކޮންމެ މީހަކު ވެސް އަނބުރާ ގެއަށް ދަނީއެވެ. ނަމަވެސް، އިއްޔެ ހަވީރު ރަސްފަންނު ސަރަހައްދަށް މޫދަށް އެރެން ދިޔަ މީހެއްގެ ކިބައިން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ.

މޫދަށް އެރި ފަތާލާ، ކަސްރަތުކޮށްލާ ހިތްހަމަ ޖައްސާލުމަށްފަހު މޫދުން އަރައިގެން އައި މެދު އުމުރުގެ އެ ފިރިހެން މީހާ ދިޔައީ ގޮނޑު ދޮށަށް އެއްވެފައި ހުރި ކުނިތައް ނަގަމުންނެވެ. މޫދަށް އެރި އުޅުނު މީހުން ގެންގުޅުނު ޕްލާސްޓިކް ފުޅިއާއި، އެ ސަރަހައްދަށް ލައްގާފައި ހުރި ކުނިތަކުން ފުރާލާފައި އޮތް އެ ގޮނޑުދޮށް އޭނާ ސާފު ކުރީ އެކަނިމާ އެކަނިއެވެ. އެކަކު ނުކުރިއަސް، ތިމާ އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރާނަމޭ ކިޔަމުން ދިޔަ ކަހަލައެވެ.

މޫދު ކައިރިއަށް ކުނި އަޅާފައި / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ރަސްފަންނު ސަރަހައްދުގައި އެތައް ޑަސްބިނެއް ބަހައްޓާފައި ހުރި އިރުވެސް، ތަފާތު އެކި ޒާތްޒާތުގެ ކުނި އެ ސަރަހައްދުގައި ހުއްޓެވެ. ދަޅާއި ފުޅީގެ އިތުރުން ކާން ބޭނުން ކުރާ ތަކެތި ވެސް މެއެވެ. ހަލާކުވެފައިވާ ފައިވާން ކިބައާއި އެހެނިހެން ޕްލާސްޓިކް ތަކެއްޗެވެ. ޕިކްނިކް ހަދާލަން ދިޔަ ބަޔަކު ދޫކޮށްލާފައި ދިޔަ ޒާތުގެ ކުންޏެވެ. އަދި އޮޔާ ލައްގާފައި ހުރި ކުންޏާއި، ރުއްރުކުން ފައިބާފައި ހުންނަ ކާއްޓާއި އެހެނިހެން ސާމާނެވެ.

މޫދު ކައިރިއަށް ކުނި އަޅާފައި / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

މޫދަށް އެރި ޕިކްނިކް ހަދާލެވެނިކޮށް އެއް ބަޔަކަށް ނިމުނީއެވެ. އަނެއް ބަޔަކަށް އެގޮތް ކަމަކު ނުދެއެވެ. ތިމާ އެޅި ކުންޏަށް ނުވި ނަމަވެސް ތިމާއަށް ކުރެވުނު ވަރަކުން ސާފު ކުރުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި އެއް ބަޔަކު ދެކެއެވެ. ރާއްޖޭގެ މި ނާޒުކު ތިމާވެށި ސަލާމަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކިގެންނެވެ.

އިއްޔެ ރަސްފަންނު ސަރަހައްދުގައި ހުރި ކުނިތައް ނަގަން އުޅުނު މީހާއަށް ޝުކުރިއްޔާއެވެ. ތިޔައީ މިގައުމު ބޭނުންވާ ފަދަ އަގުހުރި ފަރުދެކެވެ. ތިމާވެއްޓަށް ލޯބި ކުރާ، ފަރުދީ ޒިންމާ އަދާ ކުރުމުގައި ފަހަތަށް ނުޖެހޭ، ގައުމު ފަހުރުވެރިވާ ފަދަ ދަރިއެކެވެ.