ފާހާނާ ކޮށް ނިންމުމަށް ފަހު ތަށި ސާފުކުރުމަށް ފްލަޝްކުރާ ކުރުމުގައި އުފެދޭ ޓާބިއުލަންސްގައި ވައިގެ ތެރެއަށް ބޭރުވެގެންދާ ތިކިތަކުގެ ޒަރިއްޔާއިންވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިދާނެ ކަމަށް ޗައިނާއިން ކުރި ދިރާސާއެއް ބުނެފިއެވެ.
ފާހާނާ ފްލަޝް ވާއިރު އުފެދޭ ބާރާއެކު ވައިގެ ތެރެއަށް ތިކިތަކެއް ބުރައިގެންދާއިރު، އާންމު ފާހާނާ ބަރިއަކަށް ބަލާނަމަ ޖެހިގެން ހުންނަ ފާހާނާގައި ހުންނަ މީހާއަށް އިންފެކްޝަންގެ އަސަރު ފޯރުމުގެ ފުރުސަތުވެސް އޮންނަ ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.
ޗައިނާގެ ޔާންގްޝޫ ޔުނިވާސިޓީގެ ދިރާސާ ޓީމަކުން ވަނީ ފާހާނާ ތައްޓެއް ފްލަޝްކޮށްލާއިރު، ވައިގެ ތެރެއަށް ތިކިތައް ބުރައިގެންދާ ގޮތް ކޮމްޕިއުޓާ މޮޑެލިންގްގެ އެހީގައި ދައްކާލާފައެވެ. އެގޮތުން، ފާހާނާ ތަށިން ފެށިގެން މީޓަރެއްހާ އުސްމިނަށް ވައިގެ ތެރެއަށް ތިކިތައް ބުރައިގެންދާކަމަށް ބުނެއެވެ.
'ފިޒިކްސް އޮފް ފްލުއިޑް' ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި ބާރު ސްޕީޑްގައި ދައުރުވާ ވައިގެ ތެރެއިން ވައިގެ ތެރެއަށް ތިކިތައް ބުރައިގެންދެއެވެ. ފާހާނާ ތަށީގެ މަތިން މީޓަރެއްގެ އުސް މިނަށް ތިކިތައް ފެތުރިގެންދާއިރު، ވައިރަސް ފަތުރަން ފުރުސަތު އޮވެއެވެ.
ދިރާސާގެ މުސައްނިފު ޖީ-ޝިއާންގް ވޭންގް ބުނާ ގޮތުގައި ފާހާނާ ބޭނުންކުރާ މިންވަރު އިތުރު ވާ ވަރަކަށް މި ބާރުވެސް އިތުރުވެއެވެ. އެހެންކަމުން އާންމު ފާހާނާތަކާ، ގޭގައި ގިނަ މީހުން ބޭނުން ކުރާ ފާހާނާތަކުގައި މި ނުރައްކާ ބޮޑުވެއެވެ.
ދިރާސާ ކުރި ފަރާތްތަކުން ލަފާދެނީ ފާހާނާ ބޭނުންކޮށް ނިމިގެން ފްލަޝް ކުރުމުގެ ކުރިން، މަތިގަނޑު ލައްޕާލުމަށެވެ. އަދި ފާހާނާ ބޭނުންކޮށް ނިމިގެން ސާފުކުރުމަށްވެސް އެ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން ފާހާނާ ބޭނުންކޮށް ނިމިގެން ރަނގަލަށް އަތް ދޮވުމަށާ، ފާހާނާއިން ނިކުމެ، އާންމު ފާހާނާ ބަރިއެއް ނަމަ ދެންވެސް އަތް ދޮވެ ސާފު ކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އުފައްދާ ފާހާނާ ތަށިތަކަކީ ފްލަޝްކުރުމަށްޓަކައި އޮޓަމެޓިކުން މަތިގަނޑު ލެއްޕޭ ފަދަ ފަރުމާތަކަކަށް ހަދާ ފާހާނާތަށިތަކަކަށް ހެދުމަށްވެސް ދިރާސާކުރި ފަރާތްތަކުންވަނީ ގޮވާލާފައެވެ.
ކޮވިޑް-19ގެ އާލާމާތްތައް ފެންނަ ނަމަ ގޭގައިވެސް ރަނގަޅީ ވަކިން ފާހާނާއެއް ބޭނުންކުރުމެވެ. އާއިލާގެ މެމްބަރުންނާ އެކަހެރިކޮށް ދިރުއުޅުމެވެ.