މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، ހާލު ސީރިއަސްވާ ޕޭޝަންޓުންގެ ފުރާނަ ސަލާމަތް ކުރުމަށް، ޑެކްސަމެތަސޯންއިން ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

ވިޔަފާރީގައި ބޭނުން ކުރާ ބްރޭންޑް ނަންތަކަށް ބަލާއިރު ޑެކަޑްރޮން، ޑެކްސަސޯން، ޑައޮޑެކްސް ފަދަ ނަންނަމުގައި ފާމަސީތަކުން ފަސޭހައިން، ހެޔޮ އަގެއްގައި ގަންނަން މިހާރުވެސް ލިބެން ހުރި ޑެކްސަމެތަސޯންއަކީ އެންޓިއިންފްލަމޭޓަރީ ޑްރަގްއެކެވެ. ކެންސަރރާ އެނޫންވެސް ބަލިތަކަށް ފަރުވާ ހޯދާ ޕޭޝަންޓުންނަށްވެސް ޑެކްސަމެތަސޯން ދެއެވެ.

ކަންމިހެން އޮތްއިރު އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންގެ ޓީމުން ބުނީ، ދަށް ޑޯޒްއެއްގައި މި ސްޓެރޮއިޑް ދީގެން ލިބުނު ކާމިޔާބީއަކީ، ނުރައްކާތެރި ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ތަޖުރިބާކާރުން ކުރިއަށް ގެންދިޔަ ތަހުލީލުތަކުގެ ނަތީޖާއަށް ބަލާއިރު ކޮވިޑް-19 ޖެހި، ހާލު ސީރިއަސްވެގެން ވެންޓިލޭޓަރަށް ލާން ޖެހުނު ކޮންމެ 8 ޕޭޝަންޓަކުން 1 ޕޭޝަންޓްގެ ފުރާނަ ސަލާމަތް ކުރެވިފައިވާއިރު، އޮކްސިޖަން ދޭން ޖެހުނު ކޮންމެ 25 ޕޭޝަންޓަކުން 1 ޕޭޝަންޓުގެ ފުރާނަ ސަލާމަތް ކުރެވުނުކަން ވަނީ ފާހަގަކޮށްފައެވެ.

މި ޑްރަގަކީ ދުނިޔެއިން މިހާރު ލިބެން ހުރި ބޭސް ބޭނުންކޮށްގެން ކޮވިޑް-19އަށް ފަރުވާއެއް ލިބޭތޯ ބެލުމަށް މުޅި ދުނިޔޭގައިވެސް ކުރިއަށް ގެންދާ އެންމެ ވަރުގަދަ ދިރާސާގައިވެސް ބޭނުން ކުރާ ބޭހެކެވެ.

ކޮވިޑް-19ގައި ހާލު ބޮޑުވާ ޕޭޝަންޓުންގެ ފުރާނަ ސަލާމަތްކުރަން އެހީވާކަމަށް އިނގިރޭސިވިލާތުން ބުނާ ޑެކްސަމެތަސޯން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޓައިމް މެގަޒިން

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރުން ފެށިގެންވެސް އިނގިރޭސިވިލާތުން މި ޑްރަގް ލިބެން ހުރި ނަމަ، 5000 އެއްހާ މީހުންގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށެވެ. އެހެނީ، މިއީ އަގު ހެޔޮ ބޭހަކަށް ވުން ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވާ ކޮންމެ 20 ޕޭޝަންޓުންގެ ތެރެއިން 19 ޕޭޝަންޓަކު ހޮސްޕިޓަލެއްގައި އެޑްމިޓްކުރަން ނުޖެހި ބަލިން ރަނގަޅުވެއެވެ.

ބެލެވޭ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ ޕޭޝަންޓުންނަށް ޑެކްސަމެތަސޯން އެހީވަނީ، ވައިރަހާ ދެކޮޅަށް ހަށިގަނޑު ދިފާއީ ނިޒާމް 'އޯވާޑްރައިވް'އަކަށްދާ ދިއުމުގެ މަރުހަލާގައި ލުޔެއް ހޯދާ ދިނުމަށެވެ.

މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއިންނެވެ. ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޕްރޮފެސާ މާޓީން ލޭންޑްރޭ ވިދާޅުވާ ގޮތުގައި، ކޮވިޑް-19ގައި މަރުވެދާ މީހުންގެ އަދަދު ދަށް ކުރުމަށް މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ދައްކައިދިން ޑްރަގަކީވެސް ޑެކްސަމެތަސޯންއެވެ. ޕްރޮފެސާ އިތުރަށް ވިދާޅުވީ، މި ބޭހަކީ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދާ ޕޭޝަންޓުންނަށް މިހާރުން މިހާރަށްވެސް ލިބެންޖެހޭނެ ފަރުވާއަކަށް ހަދަންޖެހޭ ކަމަށާ، ނަމަވެސް ގޭގައި ތިބި މީހުން މި ބޭސް ގަންނަން ދާން ނުޖެހޭނެ ކަމަށެވެ.

ކޮވިޑް-19 ޖެހި، ބަލީގެ އަލާމާތްތައް ކުޑަކޮށް ފެންނަ މީހުންނަށް ޑެކްސަމެތަސޯންގެ ސަބަބުން އެހީއެއްވާތީ ނުފެންނަ ކަމަށްވެސް ބުނެވެއެވެ.

ޖިލިއަޑް ސައެންސަސް އިންކޯޕަރޭޝަންގެ އެންޓިވައިރަލް ޑްރަގް 'ރެމްޑެސިވިއާ' ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދަ ފްރެންޗް ޓޯސްޓް

މިހާތަނަށް ލިބެން ހުރި ބޭސްފަރުވާގެ ތެރެއިން ކޮވިޑް-19އަށް ފަރުވާ ކުރުމުގައި ބޭނުން ކުރެވިދާނެ ބޭހެއް ދެނެގަތުމަށް 'ދަ ރިކަވަރީ ޓްރަޔަލް'ގެ ނަމުގައި ކުރިއަށް ގެންދާ ބޮޑު ދިރާސާގައި ތަހުލީލު ކުރަމުންދާ ބައެއް ޑްރަގްތަކުގެ ތެރޭގައި އެންޓިމެލޭރިއަލް ޑްރަގް ހައިޑްރޮކްސިކްލޮރޮކުއިން (އެޗްސީކިއު) އަދި އެންޓިވައިރަލްއެއް ކަމަށްވާ ރެމްޑެސިވިއާ ފާހަގަކުރެވެއެވެ.