ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 505 މީހަކު ފުރުވާލައިފިއެވެ.

އިމިގްރޭޝަނުން ބުނީ މިއަދު އިވެކުއޭޝަން ފްލައިޓުގައި ބަންގްލަދޭޝްގެ 200 މީހުންނާއި އިންޑިއާގެ 156 މީހުންނާއި ނޭޕާލުގެ 149 މީހުން އެނބުރި ގައުމަށް ފުރުވާލާފައިވާ ކަމަށެވެ. ހަމައެއާއެކު މިދިޔަ އާދީއްތަ ދުވަހު އިންޑިއާގެ 170 މީހުން ވަނީ އެނބުރި ރަށަށް ފޮނުވާލާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ރާއްޖެއަކީ ގިނަ ބިދޭސީންތަކެއް މަސައްކަތް ކުރަމުން އަންނަ ގައުމަކަށް ވީ އިރު ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. ވޭތުވެވި ދުވަސްތަކުގައި ފުރުވާލި ބިދޭސީންގެ ހިސާބުތަކަށް ބަލާއިރު މި މަހުގައި ޖުމްލަ 2412 ބިދޭސީން ވަނީ ރަށަށް ފުރުވާލާފައެވެ. އޭގެތެރެއިން މިމަހު ބަންގްލަދޭޝްގެ 865 މީހުން ވަނީ ފުރުވާލާފައެވެ. އެއީ:

  • 2 ޖޫން - ބަންގްލަދޭޝް 200 މީހުން
  • 3 ޖޫން - އިންޑިއާގެ 171 މީހުން
  • 4 ޖޫން - އިންޑިއާގެ 171 އަދި ޔޫރަޕްގެ 29 މީހުން
  • 5 ޖޫން - ބަންގްލަދޭޝް 200 އަދި އިންޑިއާގެ 700 މީހުން
  • 6 ޖޫން - ބަންގްލަދޭޝް 265 މީހުން
  • 14 ޖޫން - އިންޑިއާގެ 171 މީހުން
  • 16 ޖޫން - ބަންގްލަދޭޝް 200، އިންޑިއާގެ 156 އަދި ނޭޕާލްގެ 149 މީހުން

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޗާޓަރު ދަތުރުތައް ބައެއް ގައުމުތަކަށް ކުރަމުން ދާއިރު، އެކި ގައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް 1500 މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ކުރިޔަށް އޮތް ތިން މަސް ތެރޭގައި ބަންގްލަދޭޝްގެ 5000 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެފައެވެ.