ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ކުއްލި ހާލަތުގައި ދޭންޖެހޭ ފަރުވާއެއްގެ ގޮތުގައި އެންޓި-މެލޭރިއަލް ޑްރަގް، ހައިޑްރޮކްސިކްލޮރޮކުއިން (އެސީކިއު) ބޭނުން ކުރުމަށް ކުރިން ދީފައި އޮތް ހުއްދަ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބާތިލު ކޮށްފިއެވެ.

ހުއްދަ ބާތިލުކޮށް އެފްޑީއޭއިން ބުނީ ފަހުން ލިބިފައިވާ ހެކިތަކަށް ބަލާއިރު، އެޗްސީކިއުއަކީ ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު އެންޓިވައިރަލް ޑްރަގެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ބޭހެއް ކަމަށް ބުރަވެވެން ނެތް ކަމަށެވެ.

ކޮވިޑް-19ގެ ފަރުވާއެއްގެ ގޮތުގައި ތަހުލީލުކުރަމުންދާ ހައިޑްރޮކްސިކްލޮރޮކުއިން (އެޗް.ސީ.ކިއު) ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޔޫއެސްއޭ ޓުޑޭ

ކަންމިހެން އޮތް އިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއަކީ ކޮވިޑް-19އަށް އެންމެ އެކަށީގެންވާ ފަރުވާ އަކީ އެޗްސީކިއުކަމަށް ވިދާޅުވެ، ފާޅުގައި ކެމްޕޭން ކުރައްވާ ބޭފުޅެކެވެ. ޓްރަމްޕް މިހާރުވެސް ގެންދަވަނީ އެ ބޭހާ އެއްކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންނަށް ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް އެޗްސީކިއު ބޭނުން ކުރެވިދާނެ ކަމަށް ބުނެ، އެފްޑީއޭއިން އެކަމަށް ހުއްދަ ދިނީ މާޗް މަހުގެ ތެރޭގައެވެ. ނަމަވެސް ފަހުގެ ހޯދުންތަކަށް ބަލާއިރު ކޮވިޑް-19 ޖައްސާ ނުރައްކާތެރި ވައިރަހާ ދެކޮޅަށް އެޗްސީކިއުއަށް ކާމިޔާބު ލިބިފައި ނުވާ ކަމަށާ، ވައިރަހަށް ހުށަހެޅިފައިވާ މީހުން އެ ވައިރަހަށް އިންފެކްޓް ވިޔަ ނުދީ ސަލާމަތްވެސް ކޮށްދީފައި ނުވާކަމަށެވެ.

ކޮވިޑް-19ގެ ފަރުވާއެއްގެ ގޮތުގައި ތަހުލީލުކުރަމުންދާ ހައިޑްރޮކްސިކްލޮރޮކުއިން (އެޗް.ސީ.ކިއު) ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ނިއުއިންޑިއަންއެކްސްޕްރެސް

ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް އެޗްސީކިއު ބޭނުން ކުރުމުން ފުރާނައަށް ނުރައްކާ ވާ ހާލަތްތަކެއް މެދުވެރިވާ ކަމަށް ބުނެ، މެޑިކަލް ޖާނަލްގައި ޝާއިއުކުރި ބާރުގަދަ ދިރާސާއާއިއެކު، މި ބޭހަކީ ކޮވިޑް-19ގެ ފަރުވާތޯ ބެލުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރަމުންދިޔަ ތަހުލީލުތައް މިވަގުތު އޮތީ މަޑުޖައްސާލާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ވަނީ ކޮވިޑް0-19ގެ ފަރުވާއެއްގެ ގޮތުގައި އެޗްސީކިއު ޓެސްޓު ކުރަމުންދިޔަ ދިއުން ހުއްޓުމަކަށް ގެނައެވެ. ނަމަވެސް ލޭންސެޓްގެ ދިރާސާގައި ފުރިހަމަ ނުވާ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެ ދިރާސާ އަނބުރާ ގެންގޮސްފައިވާއިރު، ޑަބްލިއުއެޗްއޯގެ ތަހުލީލުތައް އަނެއްކާވެސް ފަށާފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރެއެވެ.