އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު މާލެ ސަރަހައްދުގައި ހުރި ސްކޫލްތައްވެސް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ ގްރޭޑް 9 އިން 12 އާ ދެމެދުގެ ދަރިވަރުންނަށް ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވާލާއިރު މަގުތަކުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ފިސިކަލް ޑިސްޓަންސް ބަހައްޓައިގެން ދެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ޓްރެފިކް ފުލުހުންނާ މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އަދި އެއްވާހަކަ ދަންނަވާލާނަން. އެއީ އަޅުގަނޑުމެން މާލެ ސަރަހައްދަށް ހަމަޖައްސާފައި އޮތް ގޮތް. މާލެ ސަރަހައްދުގެ ސްކޫލްތައް ޖުލައި އެކެއްގައި ހުޅުވިގެން ދާނީ ކީސްޓޭޖް 4 ކާއި ކީސްޓޭޖް 5 ކަށް. އެއީ ގްރޭޑް 9، 10، 11، 12."
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ

އެ ގޮތުން މާލޭގެ ސްކޫލްތަކުގެ މަތީ ހަތަރު ގްރޭޑްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާން ހަމަޖެހިފައިވާ އިރު ސްކޫލްތަކަށް ކުދިން ދާނީ އެއް ސެޝަނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލްތަކަށް ދަރިވަރުން ދާން ޖެހޭ ވަގުތުތައް ހަމަޖެހިފައި ވަނީ "ސްޓެވާޑް" ގޮތަަކަށް ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ. އެއީ ބެލެހެއްޓުންތެރިކަމާއެކު ވަކި އިންތިޒާމުތަކެއްގެ މަތިން ގޮސް ހަދާ ގޮތަށެވެ.

ހާއްސަކޮށް ޗާންދަނީ މަގު ކަހަލަ އެންމެ ބާރުބޮޑު މަގުތަކުގައި ހުންނަ ސްކޫލްތަކުގެ ދަރިވަރުން ސްކޫލަށް ދިއުމަށް ހަމަޖެހިފައިވަނީ އެކި ވަގުތުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޗާންދަނީ މަގުގައި ހުންނަ ތިން ސްކޫލްގެ ޕްރިންސިޕަލުން ވާހަކަ ދައްކަވާފައި އެ ސްކޫލަތަކަށް ދަރިވަރުން ގެންނަން ހަމަޖައްސާ ވަގުތު ކަނޑައަޅާނީ އެ ބޭފުޅުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގެ ސްކޫލްތައް އަންނަ މަހު އެކަކުން ފެށިގެން މަތީ 4 ގްރޭޑްތަަކށް ކިޔަވައި ދިނުމަށް ނިންމާފާއިވާ އިރު ކޮވިޑް ނެތް ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ނިންމާފައިވަނީ ގްރޭޑް އެކަކުން މަތީގެ ދަރިވަރުންނަށެވެ. ނިއު ނޯމަލްއަށް ދިއުމަށް ސްކޫލްތައް ހުޅުވާލާ އިރު ހުރިހާ ދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުން ދާން ޖެހެނީ މާސްކް އަޅައިގެންނެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއް ސްކޫލަށް ނުދިއުމަށް އެޑިއުކޭޝަނުން އިލްތިމާސްކުރެއެވެ.