ކޮވިޑް ނެތް ރަށްރަށުގެ ސްކޫލްތައް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް ނިންމާފަ އިވާއިރު ކޮވިޑްގެ އަލާމާތް ހުރި ދަރިވަރުންނާއި މުވައްޒަފުން ސްކޫލަށް ނުދިއުމަށް އެދިވަޑައިގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތައް ހުޅުވަން ނިންމާފައިވާ އިރު ގްރޭޑް އެކަކުން ފެށިގެން އެ ސްކޫލަތަކުގައި ކިޔަވައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ދަރިވަރެއް ނުވަތަ ސްކޫލުގެ މުވައްޒަފެއް ނަމަވެސް ސްކޫލަށް ނުދިއުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ ޖުލައި މަހު ސްކޫލަތައް ހުޅުވަން ނިންމާފައިވާ އިރު ކޮންމެ ސްކޫލަކުން ކަންކަން ކުރާނެ ގޮތުގެ އެސްއޯޕީތަކެއް ހެދިފައި ހުންނާނެ ކަމަށާއި ކޮންމެ ސްކޫލެއްގެ އެސްއޯޕީވެސް ތައްޔާރު ކުރެވިފައިވަނީ އެ ސްކޫލެއްގެ މާހައުލާއި ހިންގާ ގޮތަށް ބަލާފައި އެ ސްކޫލަކަށް އެކަށޭނެ ގޮތަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ ގޮތުން ހުރިހާ ސްކޫލެއްގަިއވެސް އަތް ދޮވެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންނަ ޖުލައިގައި ސްކޫލްތައް ހުޅުވާލަން ނިންމާފައިވާ އިރު ތިން ބަޔަކަށް ސްކޫލްތައް ބަހާލެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާލުވިއެވެ. އެ ގޮތުން ފުތަރަމަ ބަޔަކީ އެއް ސެޝަނަށް ފިސިކަލް ޑިސްޓަންސްގައި ކުދިން ސްކޫލަށް ގެންދެވޭނެ ސްކޫލްތަކެވެ. އަދި ދެވަނަ ބަޔަކީ ދެ ސެޝަން އަށް ބަހާލައިގެން ފިސިކަލް ޑިސްޓަންސްގައި ކުދިން ސްކޫލަށް ގެންދެވޭނެ ސްކޫލްތަކެވެ. އަދި ތިން ވަނަ ބަޔަކީ ދެ ދުވަހުން އެއް ދުވަހު ސްކޫލަށް ކުދިން ގެންގޮސްގެން ކިޔަވައިދެވޭނެ ސްކޫލަތަކެވެ.
އަންނަ މަހު ސްކޫލަތައް ހުޅުވަން ނިންމާފައިވާއިރު ކޮވިޑް ނެތް ރަށްރަށުގެ ސްކޫލްތައް ހުޅުވާލަނީ ގްރޭޑް 1 އިން ފެށިގެން މަތީ ގްރޭޑްތަކަށެވެ. އަދި މާލެ ސަރަހައްދުގައި ސްކޫލްތައް ވެސް އަންނަ މަހު ހުޅުވާލާ އިރު އެ ސްކޫލްތައް ހުޅުވާލަނީ ގްރޭޑް 9 އިން މަތީ ގްރޭޑްގެ ދަރިވަރުންނަށެވެ. ނިއު ނޯމަލްއަށް ދިއުމަށް ސްކޫލްތައް ހުޅުވާލާ އިރު ހުރިހާ ދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުން ދާން ޖެހެނީ މާސްކް އަޅައިގެންނެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއް ސްކޫލަށް ނުދިއުމަށް އެޑިއުކޭޝަނުން އިލްތިމާސްކުރެއެވެ.