ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލުމަށާއި ރައްޔިތުންނަށް އަނިޔާ ދިން ކަމުގެ ތުހުމަތުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް މަޖިލީސް މެންބަރުން ގޮވަލައްވައިފިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ ގިނަ މަޖިލިސް މެންބަރުން މިކަމަށް ގޮވާލައްވާފައި ވަނީ، ރައީސް ވަހީދަށް އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުން މީހަކު ހަމަލާދީފައިވާ ކަމަށް ވިދާޅުވެ ދޮގު ވާހަކަތަކެއް ފަތުރާފައިވާ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ، ވެރިކަމުގައި ހުންނެވިއިރު އެތައް ރައްޔިތަކަށް އަނިޔާ ދީފައިވާ ބޭފުޅަކު އާންމު ރައްޔިތަކާ ގުޅޭ ގޮތުން އިތުރުފުޅު މިއަދު ހެއްދުވުމުން އެ މައްސަލާގައި ރައީސް ވަހީދު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. ރައީސް ވަހީދު އުޅުއްވަނީ ރާއްޖޭގެ މުސްތަގުބަލު ނަގާލަން ކަމަށް ވިދާޅުވެ، އެމަނިކުފާނު ހައްޔަރު ކުރުމަށް އޭނާ ވަނީ ޕޮލިސް ކޮމިޝަނަރަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ގައުމުގެ މުސްތަގުބަލަށް ކުރިއަށް ދާން ރައްޔިތުން ބޭނުންވެގެން އެމްޑީޕީގެ ސަރުކާރު އަނެއްކާ ގެނައި ނަމަވެސް ކުރިން ހިނގައި ދިޔަ ކަންކަން ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ. އަދި 2012، ފެބްރުއަރީ 8 ވަނަ ދުވަހު ވަހީދު ކުރި އަނިޔާތައް ހިތުން ފިލައިގެން ނުދާ ކަމަށާއި އެ ކަމަށް މައާފު ވެސް ނުކުރައްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރުން ވިދާޅުވީ ރައީސް ވަހީދަކީ ރައްޔިތުންގެ ވޯޓުން އިންތިހާބުގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައްޔިތަކަށް އަނިޔާ ދީފައިވާތީ ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ލިބޭ އިނާޔަތްތަކާއި ބޮޑު އޮފީސްތައް ހިންގުމުގެ ހައްގު ރައީސް ވަހީދަށް ލިބިގެން ނުވާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.

މިކަމުގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ އިއްޔެ މަގުމަތީގައި މީހަކާ ދެމެދު ކުރެވުނު ޒުވާބަކާ މެދު ހިތްހަމަޖެހި ވަޑައިނުގެން، ރައީސް ވަހީދަށް "ޖިސްމާނީ ހަމަލާއެއް" އެ އާންމު މީހާ ދީފައިވާ ކަމަށް ދޭހަވާ އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް ރައީސް ވަހީދު ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެއެވެ. މި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތީ 33 މެންބަރުންގެ ވޯޓުންނެވެ. މިހާރު މަޖިލީހުގައި އެ މައްސަލައަށް ބަހުސް ކުރަމުންދާއިރު، ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތު ހަމަވެ، މެންބަރުން ވަނީ މި މައްސަލާގައި ބަހުސް ކުރުމުގެ ވަގުތު އިތުރުކޮށްފައެވެ.

އިއްޔެ ހެނދުނު ރައީސް ވަހީދާއި، އެމަނިކުފަނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކުރި ކަން މީޑިއާއަށް ތިލަވެގެން ދިޔައީ އެމަނިކުފާނު ކުރެއްވި ޓްވީޓަކުންނެވެ. އެ ހާދިސާ ހިނގާދިޔަ ގޮތް ތަފްސީލުކޮށް ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަނާނެއްގައި ބުނީ އިއްޔރ ހެނދުނު 6:30 ހާއިރު ރައީސް ވަހީދާއި އަނބިކަނބަލުންނަށް އަނގަބަހުން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށެވެ.

އެވަގުތު ރައީސް ވަހީދުގެ، އެމްއެންޑީއެފް ސެކިއުރިޓީން އެ މައްސަލަ ފުލުހަށް ރިފޯޓް ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ވަނީ އެމްޑީޕީގެ އެ އެކްޓިވިސްޓް، ރައީސް ވަހީދުގެ ދެކަނބަލުންގެ ހަށިކޮޅަށް އަތްލައި ހަމަލާ ދީފައި ނުވާ ކަމަށާއި ނަމަވެސް ފުރައްސާރަ ކުރި މީހާ ހުރީ އަތް ޖެހޭގައި ގާތުގައި ކަމަށެވެ.

ރައީސް ވަހީދުގެ އޮފީހުން އެ މައްސަލަ ކުއްވެރިކޮށް ބުނެފައި ވަނީ ފުރައްސާރަ ކުރުމުގެ އެފަދަ މައްސަލަތަކަކީ ހަމަލާއެއް ކަމަށް ބަލައިގަންނަން ޖެހޭ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.