ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުން މިއަދު ހެނދުނު ކަސްރަތު ކުރެއްވުމަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ "ޖޯރޭ" އެމަނިކުފާނުގެ ދެކަނބަލުންނަށް ދިމާކުރި މައްސަލާގައި ގިނަބަޔަކު ޖޯރޭގެ ދިފާއުގައި ނިކުމެެއްޖެއެވެ.

ޖޯރޭ އަކީ އެމްޑީޕީ އުފެދުނު އިރުން ފެށިގެން އެޕާޓީގައި ހަރަކާތްތެރިވާ މީހެކެވެ. އެޕާޓީން މިހާތަނަށް ބޭއްވި ކޮންމެ މުޒާހަރާއެއްގައި ވެސް ޖޯރޭ ވަނީ ބައިވެރިވެފައެވެ. ކޮންމެ ކަންމަތީ އެއްވުމެއްގައިވެސް ޖޯރޭ ވަނީ ބައިވެރިވެފައެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ "ޖޯރޭ" ހަމަލާދީފައިވާ ކަމަށާއި ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުންވައިގެން އުޅުއްވަނިކޮށް ކަމަށެވެ. ޑރ. ވަހީދު ވިދާޅުވީ ޖޯރޭ އެމަނިކުފާނުގެ ހަށިކޮޅަށް އަތް ނުލި ނަމަވެސް ހަޑިހުރުތު ބަހުން މުއާމަލާތު ކޮށް ހެދިކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް މިއަދު ހެނދުނު 7 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު، ރައީސް ކަމަށް ޑރ. ވަހީދު ވަޑައިގެންނެވީ، އޭރުގައި ވެރިއަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ނަޝީދުގެ އިސްތިއުފާ އަށް ގޮވާލުމުންނެވެ. އެމްޑީޕީން އެ ދުވަހުންސުރެ ބުނަމުން އަންނަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ނޫން ކަމަށާއި އެމަނިކުފާނުގެ ވެރިކަން ރައީސް ވަހީދުގެ އަޑީގައި ހުންނަވައިގެން 'ބަޣާވާތަކުން" ވައްޓާލީ ކަމަށެވެ.

އެއަށްފަހު [ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު] އެމްޑީޕީގެ މެންބަރުން ރައީސް ވަހީދަށް އަންނަނީ ތަފާތު އެކި ޕްލެޓުފޯމުތަކުގައި ފާޑު ކިޔަމުންނެވެ.

އެގޮތުން ޖޯރޭ އަކީވެސް ރައީސް ވަހީދަށް ފާޑު ކިޔުމަށް އެމްޑީޕީން މިހާތަނަށް އެއްވި ހުރިހާ އެއްވުމެއްގައިވެސް ބައިވެރިވެފައިވާ އެމްޑީޕީ އަށް "ވަފާތެރި" އެކްޓިވިސްޓެކެވެ. ދެގޮތެއް ނުވެ ޖޯރޭ އެމްޑީޕީގައި ހުންނަތާ އެތައް އަހަރެއް ވެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ހިންގި ކޮންމެ އެއްވުމަކާއި ކަންމަތީ ބައްދަލުވުމެއްގައި ޖޯރޭ ވަނީ ބައިވެރިވެފައެވެ.

ރައީސް ވަހީދަށް ޖޯރޭ ފުރައްސާރަ ކުރި ނަމަވެސް މިއަދު މުޅި އެމްޑީޕީ ވަނީ ޖޯރޭގެ ދިފާއުގައި ނިކުމެފައެވެ. މީގެއިތުރުން އެމްޑީޕީ އަށް ފާޑު ކިޔަމުން އަންނަ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކުވެސް ވަނީ ޖޯރޭގެ ދިފާއުގައި ނިކުމެފައެވެ.

"މަނިކުފާނަށް ލިބުނު ގެއްލުން ރީކޯ މޫސަވެސް ކުއްވެރިކުރަން. ސްޓޭޓްމަންޓް ހައްދަވައިގެން ސިޔާސީ ޕާޓީތަށް ބަދުނާމުކޮށް ގައުމުތަކުގެ ބޮޑުވަޒީރުންނަށް ސިޓީ ނުފޮނުއްވާ ޖޯރޭއަށް މާފްކުރައްވާ ނަސޭހަތްދެއްވާ،" މޫސަ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަ ކުރުމަށް ނިންމާފައިވާ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްކަން ކުރެއްވިއަސް މާޒީ ހަނދާން ނެތިދާނެ ކަމަށް ހީވުމަކީ ގޯހެއް ކަމަށެވެ. އަނިޔާ ލިބުނު މީހާގެ އުދާސްތަކާއި ލޮލުގައި ހުރި ދިލަ އަދި ހުރެދާނެ ކަމަށާއި ހިތުގައި ހުރި އުދާސްތައް ބޭރު ކޮށްލުމަކީ ކުށެއް ނޫން ކަމަށެވެ. ނިޒާރު ވިދާޅުވީ ބަހުރުވައިގެ ދަރަޖަ އެންމެން ނުބަލާނެ ކަމަށެވެ.

ރައީސް ވަހީދަށް މީހަކު "ހަމަލާ" ދިން ކަމަށް އެމަނިކުފާނު ވިދާޅުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އެމަނިކުފާނުގެ ހާލު ބައްލަވާފައެވެ.