ކޮންމެ ދިވެހި ރައްޔިތަކަށް މިނިވަން ކަމާއެކު ހިނގާބިނގާވެ އުޅެވެންވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ވިދާޅުވީ މިއަދު ހެނދުނު ރައީސް މުހައްމަދު ވަހީދު ހަސަންމަނިކާއި، އެމަނިކުފަނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކުރި ކަމަށް ބުނާ ހަމަލާ ކުށްވަރި ކުރައްވާ ކަމަށެވެ.

އެގޮތުން ކޮންމެ ދިވެހި ރައްޔިތަކަށް މިނިވަންކަމާއެކު ހިނގާބިނގާވެ އުޅެވެން ވާނެ ކަމަށާއި "އައުގުރާނަ" ގޮވާ ގަޔަށް ބޮލަށް އަރާ ހިސާބަށް ގޮސްގެން ނުވާނެ ކަމަށެވެ. އެފަދަ އެތަށް ކަމެއް މަހުލޫފަށްވެސް ދިމާވެފައިވާ ކަމަށާއި ހެދިފައިވާ ގާނޫނުތަކަށް އެންމެންވެސް ބޯލަނބަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ ރައީސް ވަހީދަށް ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށާއި ރައީސް ވަހީދުގެ ދެކަނބަލުން ހެޔޮ ހާލުކޮޅުގައި ތިއްބެވިކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހާލު ބައްލަވައިލައްވައިފައެވެ.

ރައީސް ވަހީދާއި އަނބިކަނބަލުން އިލްހާމަށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކުރި އިރު އެމްއެންޑީއެފްގެ ސެކިއުރިޓީ ހުރި ކަމަށް ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވާއިރު މިކަމާ ގުޅިގެން ފުލުހުން ބުނީ ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.