ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާއި އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާދީފައިވާ ކަމަށް ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ "ޖޯރޭ" ހަމަލާދީފައިވާ ކަމަށާއި ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުންވައިގެން އުޅުއްވަނިކޮށް ކަމަށެވެ. ނަމަވެސް އެ ދިން ހަމަލާގެ ތަފްސީލެއް ޑރ. ވަހީދު ވިދާޅެއް ނުވެއެވެ.

ޑރ. ވަހީދު ވަނީ އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޑރ. ވަހީދު ވިދާޅުވީ އެ ސަރަހައްދު (އުސްފަސްގަނޑު) ގައި ތިބި އެހެން މީހުންނަށް ވެސް އެ މަންޒަރު ފެންނާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެެއެވެ

2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު، ރައީސް ކަމަށް ޑރ. ވަހީދު ވަޑައިގެންނެވީ، އޭރުގައި ވެރިއަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ނަޝީދުގެ އިސްތިއުފާ އަށް ގޮވާލުމުންނެވެ. ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ވަހީދު ހުންނެވީ ނައިބު ރައީސަކަށެވެ.