ގެސްޓްހައުސް އެއްގައި ރޭޕްކުރި ކަމަށްބުނާ 11 އަހަރުގެ ކުއްޖާ ރޭޕްގެ ތުހުމަތުވާ މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

އެމީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ހަތް ދުވަސް ޖެހީ، އޭނާގެ ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިފައިވަނިކޮށެވެ. މަައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ ވަކީލެއްގެ ފުރުސަތަށް އެދިފައެވެ.

ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުށަހެޅުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް މިއަދު ވަނީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް ސިޓީއެއް ފޮނުއްވާފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މިއީ މިދިޔަ ފަސް އަހަރު ތެރޭ މިފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރުކަން ފާހަގަ ވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާއި މެދު އެ ގާނޫނަށް ލިބިދޭ ހާއްސަ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި އެގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުރެވޭ މީހާ ތަހުގީގުގެ މަރުހަލާއާ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމަށް އަމުރެއް ހޯދުމަށް ޕީޖީ ކޯޓަށް ހުށަހަޅައި ދިނުމަށް އެދި ކޮމިޝަނަރު އޮފް ޕޮލިސް ޕްރޮސިކިއުޓަރު ޖެނެރަލްގެ ކިބައިން އެދެވިދާނެ ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާއަކީ ދިވެއްސެކެވެ. އޭނާ ހައްޔަރުކުރީ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރުމުގެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހު މާލޭގެ ގެސްޓްހައުސް އެއް ގައެވެ. މާލެ ލޮކްޑައުންގައި އޮއްވާ، ގެސްޓްހައުސް އަށް އެ ކުއްޖާ ގެންދިޔަ ގޮތެއް އަދި ސާފު ނުވާއިރު އެ ގެސްޓްހައުސްއަކީ ކޮން ބަޔަކު ހިންގާ ގެސްޓްހައުސްއެއް ކަމެއްވެސް އަދި ސާފުވެފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބާރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ހާދިސާގައި ހިމެނޭ ކުއްޖާއަށް ދޭން ޖެހޭ ރައްކާތެރިކަމާއި އެހީތެރިކަންވެސް ކަމާގުޅޭ މުއައްސަސާތަކާ އެކު ފޯރުކޮށް ދެމުން ދާ ކަމަށެވެ. އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައި ކަަމަށްވެސް ފުލުހުން ބުނެއެވެ.