ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ބައްޔަށް ޓެސްޓުކޮށް ޕޮޒިޓިވް ކޭސްތައް އެކަހެރި ކުރުން ކަމުގައިވާއިރު، ހެޔޮ އަގުގައި ފަސޭހައިން މި ބައްޔަށް ޓެސްޓު ކުރެވޭނެ ޑިވައިސްއެއް ސައުދީ އަރަބިއްޔާގެ ކިންގް ފަހްދު ޔުނިވާސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސް (ކޭއެފްޔޫޕީއެމް)ގެ ދަސްވެންޏެއް އުފައްދައިފިއެވެ.
ސައުދީގެ ކޭއެފްޔޫޕީއެމްގެ ޑޮކްޓޯރަލް ސްކޮލާޝިޕެއްގައި މިވަގުތު ޔުނިވާސިޓީ އޮފް ކެލިފޯނިއާގައި ތައުލީމު ހާސިލު ކުރަމުންދާ ޢަލީ އަލް-ޝެހްރީ އުފެއްދި މި ޑިވައިސްއަކީ، ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރިތޯ ބެލުމަށް ބޭނުން ކުރާ ބްރެތަލައިޒާ ކޮންސެޕްޓަށް މަސައްކަތްކުރާ ޑިވައިސްއެކެވެ. މި ޑިވައިސްގެ އެހީގައި އެންމެ 10 މިނެޓް ތެރޭގައި ނަތީޖާ ނެރެވެއެވެ.
މި އާ އީޖާދާއެކު ނޭޝަނަލް ސައެންސް ފައުންޑޭޝަނުން ވަނީ ރިސާޗް ޓީމެއް އެކުލަވާލާ، 1 އަހަރު ދުވަހަށް މަޝްރޫއު ކުރިއަށް ގެންދިއުމަށް 150000 ޑޮލަރުގެ ގްރާންޓެއްވެސް ދީފައެވެ.
އަލް-ޝެހްރީ އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ ވައިގެ ތެރެއިން ފެން ނަގައިގެން ޑީސެލިނޭޓް ކުރާނެ އާ ގޮތެއް ހޯދުމަށެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ ޖެހި މަސައްކަތްތައް ހުއްޓުމަކަށް އައުމުން، ދިރާސާ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތް އޮތްތޯ ބެލުމަށް އަލް-ޝެހްރީއާއި އޭނާގެ ސުޕަވައިޒަރު، ޕްރޮފެސާ ފައިރޫޒް ކާވީޕޫރުގެ މިސްރާބު، ކޮވިޑް-19އާ ދިމާލަށް ބަދަލުކޮށްލީއެވެ.
ކޮވިޑް-19އަށް ޓެސްޓުކުރާ ބްރެތަލައިޒާ އުފެދިގެން އައީ މިހާ ހިސާބުންނެވެ. މިއީ ކޮވިޑް-19ގެ އިތުރުން، ވައިގެ ޒަރިއްޔާއިން ފެތުރޭ އެހެން އިންފެކްޝަންތަކަށް ޓެސްޓު ކުރަން ބޭޏުން ކުރެވިދާނެ ޑިވައިސްއެކެވެ.
މި ވަގުތު ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ބޭނުން ކުރަންޖެހޭ އާލާތްތަކާ، އަމަލު ކުރަންޖެހޭ އުސޫލުތަކަކީ ގިނަ ބަޔަކު ޖެހިލުންވާ ކަންކަމެވެ. ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި، މިހާރު ބޭނުން ކުރާ ބައެއް ޕްރޮސީޖާތަކުގެ ސަބަބުން އިންފެކްޝަނެއް އުފެދުން ފަދަ ކަންކަމާވެސް ކުރިމަތިވެއެވެ. ނަމަވެސް އަލް-ޝެހްރީގެ އުފެއްދުމާއެކު، އެ ނުރައްކާވެސް ފިލާ ދިޔައީއެވެ.
އަލް-ޝެހްރީއާއި އޭނާގެ ޓީމުން މިހާތަނަށް އުފައްދާފައިވަނީ މި ޑިވައިސްގެ ފުރަތަމަ ބައި ކަމަށްވާއިރު، ދެވަނަ ބައި ލިބޭ ވަރުވާނީ ސެޕްޓެމްބަރު މަހާ ހިސާބުގައެވެ. އަދި 2021 ވަނަ އަހަރު ފެށުމުގެ ކުރިން، މުޅި ޑިވައިސް ލިބޭ ވަރުވާނެ ކަމަށް ބެލެވެއެވެ.