ކުރިމަތިލާން ޖެހިފައިވާ އިގުތީސޯދީ ކާރިސާގެ ކަންކަމުގައި ސަރުކާރުން އިހުމާލުވަމުން ދާތީ ލުބްނާނުގައި އަނެއްކާވެސް ވަރުގަދަ ސިލްސިލާ މުޒާހަރާތަކެއް ފަށައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ލުބްނާނުގައި ދޭތެރެ ދޭތެރެއިން ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާއިރު، ލުބްނާނުގެ ފައިސާގެ އަގު ވަނީ 70 ޕަސެންޓް ދަށަށް ގޮސްފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ލުބްނާނުގެ މާލީ ހާލަތުވެސް ކާރިސާގެ ދަރަޖައަށް ނުތަނަވަސްވެފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ.

ލުބްނާނުގައި ނަގުދު ފައިސާއަށް ބަރޯސާ ވަމުންދިޔަ ގިނަ ބަޔަކު މިހާރު ވަނީ އިންތިހާ ފަގީރު ކަމަށް ވެއްޓިފައެވެ. އެހެނީ، ރައުސުލްމާލު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދިއުމާ، ޑޮލަރު ނެގުމުގައި ހުރަސްތަކެއް ކުރިމަތިކޮށްފައި އޮތުމެވެ. ލުބްނާނުގެ އާބާދީގެ 3 ބައިކުޅަ 1 ބައި މީހުންނަކީ މިއަދު ވަޒީފާއެއްވެސް ނެތް މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ފަހުން ފެށި ސިލްސިލާ މުޒާހަރާތައް ދެވަނަ ދުވަހަކަށް ދިގުލާ ގޮސްފައިވާއިރު، މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއްވެސް ހިންގާފައެވެ. ވެރިރަށް ބެއިރޫތްއާއި އުތުރު ސިޓީއެއް ކަމަށްވާ ޓްރިޕޮލީގައި މުޒާހަރާ ކުރަމުންދިޔަ އާންމުން، ފުލުހުންނާ ދިމާލަށް އޮއްގަލާ ބަޑިބޭސް އުކާފައިވާއިރު، ފުލުހުން ވަނީ ކަރުނަ ގޭހާ ރަބަރު ވަޒަނުގެ ބާރުގެ ބޭނުން ކޮށްފައެވެ.

ސިލްސިލާ މުޒާހަރާތައް މިވަގުތަށް މަޑުޖައްސާލާފައިވާއިރު، މި ހަރަކާތްތައް ދެން ފަށާނީ ހޯމަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.

މި ދަނޑިވަޅުގައި އިގުތިސޯދީ އަދި މާލީ ހާލަތު ނެގެހެއްޓުމަށް ލުބްނާނުގެ ސަރުކާރަށް އޮތް ހަމައެކަނި އުއްމީދަކީ ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) ކަމަށް ބުނެވިދާނެއެވެ. އެގޮތުން ސަރުކާރުން ދަނީ އައިއެމްއެފްއާއި މަޝްވަރާކޮށްގެން އެތައް ބިލިއަން ޑޮލަރެއްގެ އެހީ ހޯދައިގެން، ގައުމުގެ އިގުތިސޯދު ހަމަ މަގަށް އެޅުވުމަށް އުއްމީދުތަކެއް ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިފަދަ ކޮންމެ ނިންމުމަކާއެކު އިގުތިސޯދީ ގޮތުން އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހެއެވެ. ލުބްނާނުގެ ސިޔާސީ މަސްރަހު އަދު އޮތް ގޮތަށް ބަލާއިރު، މިއީ ކުރަން މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.