ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަރުވާއަކާ ވެކްސިންއެއް ހޯދުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާއިރު، މިހާރުވެސް ހުރިހާ އެންމެނަށްހެން ފަސޭހައިން ލިބެން އޮތް ޕޯލިއޯ ވެކްސިންއެއްގެ އެހީގައި، ކޮވިޑް-19އިން ދިފާއުވުމުގެ ފުރުސަތު އޮވެދާނެ ކަމަށް ތަޖުރިބާކާރުތަކެއް ބުނެފިއެވެ.

"ސައެންސް" މަޖައްލާގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ތަޖުރިބާކާރުންގެ ޓީމަކުން ބުނީ ޕޯލިއޯ ބަލިން ދިފާއުވުމަށް ދޭ ވެކްސިންތަކަކީ، ތަފާތު އެކި ކަހަލަ އިންފެކްޝަންތަކުން ކުޑަކުދިން ސަލާމަތް ކޮށްދޭ ވެކްސިންތަކެއް ކަމަށާ، އަލަށް ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒްއާ ދެކޮޅަށްވެސް މި ވެކްސިންތައް މަސައްކަތް ކުރޭތޯ ތަޖުރިބާކޮށްލެވިދާނެ ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެމެރިކަން ކެމިކަލް ސޮސައިޓީ

އަނގަޔަށް ދޭ (އޯރަލް) ޕޯލިއޯ ވެކްސިނަކީ ރައްކާތެރި، އަގުހެޔޮ، ފަސޭހައިން ދެވޭ، އަދި ފުޅާ ދާއިރާއެއްގައި ލިބޭ ވެކްސިނަކަށްވާއިރު، އަހަރެއްގެ މައްޗަށް 1 ބިލިއަނަށްވުރެ ގިނަ ޑޯޒް އުފައްދައެވެ. އަދި މި ވެކްސިނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 140 އަށް ވުރެ ގިނަ ގައުމުގައި މިހާރުވެސް ބޭނުން ކުރާ ޑޯޒްތަކެއްކަން ތަޖުރިބާކާރުންގެ ޓީމުން ފާހަގަކުރެއެވެ. މި ޓީމުގައި ހިމެނޭ ބައެއް މެމްބަރުންނަށް ބަލާއިރު އެޗްއައިވީ ދެނެގަތް ސައެންސްވެރިންގެ ޓީމުގެ މެމްބަރެއްގެ އިތުރުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ މެމްބަރަކުވެސް ހިމެނެއެވެ. ޕޯލިއޯ ބަލިން ދިފާއުވުމަށް ދޭ ވެކްސިނާއެކު މުޅި ދުނިޔެއިންވެސް މި ބަލިމަޑުކަން މިހާރު ވަނީ މުޅިންހެން ނައްތާލެވިފައެވެ.

އޯރަލް ޕޯލިއޯ ވެކްސިން އުފައްދާފައިވަނީ ބަލިކަށިކޮށްލެވިފައިވާ ޕޯލިއޯ ވައިރަސް ބޭނުން ކޮށްގެންނެވެ. މިފަދަ ވެކްސިންތަކަކީ ބަލިކަށިކުރެވިފައިވާ ވައިރަހާ ދެކޮޅަށް ހަށިގަނޑު ދިފާއީ ނިޒާމުން ދޭ އިޖާބަ ވަރުގަދަވެ، ދިގު މުއްދަތަކަށް އޭގެ ބާރު ހުންނަ ވެކްސިންތަކެކެވެ. މިއީ ޒަމާނީ ވެކްސިންތަކާ އަޅާ ބަލާއިރު، އުފެއްދުމުގެ މަރުހަލާގައި ލަސްކަމެއް އުޅޭ ވެކްސިންތަކެކެވެ. ޒަމާނީ ވެކްސިންތަކުގައި އާންމުކޮށް ބޭނުން ކުރަނީ ވައިރަހުން ނަގާ ޖެނެޓިކް މެޓީރިއަލްގެ އެތިކޮޅެކެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެސްސީއެމްޕީ

އެފްޑީއޭގެ ކޮންސްޓަންޓިން ޗަމަކޯފްއާއި ޔުނިވާސިޓީ އޮފް މެރިލަންޑް ސްކޫލް އޮފް މެޑިސިންގެ އިންސްޓިޓިއުޓް އޮފް ހިއުމަން ވައިރޮލޮޖީގެ ޑރ ރޮބާޓް ގޭލޯއާއި އޭނާގެ ޓީމުން ބުނީ ޕޯލިއޯ ވެކްސިންއަކީ ކޮވިޑް-19އާ ދެކޮޅަށްވެސް މަސައްކަތް ކޮށްފާނެ ވެކްސިންއެއްތޯ ޓެސްޓު ކުރުމަކީ ދެކޮޅުޖެހޭ ކަމެއް ކަމަށެވެ. ޕޯލިއޯ ވައިރަހާ ކޮރޯނާވައިރަހަކީ ޕޮޒިޓިވް ސްޓްރޭންޑް އާރްއެންއޭ ވައިރަސްތަކެއް ކަމަށާ، މިކަމުގައި އާންމު ކަންތައްތަކެއް ހުރެދާނެ ކަމަށެވެ. ވަކިން ހާއްސަކޮށް އޯރަލް ޕޯލިއޯ ވެކްސިންގެ ސަބަބުން ކޮވިޑް-19އިން ދިފާއުވުމަށް ވަގުތީ ހިމާޔަތެއް ލިބިދާނެ ކަމަށްވެސް މި ޓީމުން ވަނީ ބުނެފައެވެ.

އޯރަލް ޕޯލިއޯ ވެކްސިންއަކީ ޖަމާއަތުގެ ފެންވަރުގައި ލިއްބައިދޭ އެއްޗެކެވެ. ހާޑް އިމުއުނިޓީ އަކީ އަބާދީގެ އަގުލަބިއްޔަތަށް (މިސާލަކަށް 70-90 ޕަސެންޓް މީހުންނަށް) ވެކްސިން ދިނުމުގެ ސަބަބުން ބައްޔާ ދެކޮޅަށް އެމީހުންގެ ހަށިގަނޑުތައް ދިފާއު ހޯދުމެވެ. އެއީ ބައްޔަށް އިންފެކްޓްވެ ރަނގަޅު ވެގެން ނުވަތަ ވެކްސިންގ އެހީގައެވެ.

ޗައިނާގެ ވެރިރަށް ބެއިޖީންގްގެ ލެބެއްގައި ކޮވިޑް-19އަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރަނީ/ފޮޓޯ: ނިކޮލައި އަސްފޫރީ

ތަޖުރިބާކާރުންގެ ޓީމުން ތަފްސީލު ކޮށްދިން ގޮތުގައި އޯރަލް ޕޯލިއޯ ވެކްސިނަކީ އޭގެ ސަބަބުން ކުރިމަތިލާންޖެހޭ ނުރައްކާތައްވެސް އިންތިހާއަށް ކުޑަ ވެކްސިނެކެވެ. މި ވެކްސިން ދިނުމުން ޕޯލިއޯ ބަލިޖެހުމުން ދިމާވާ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށާ، ނަމަވެސް އެކަންވެސް ކުރިމަތިވަނީ ގާތްގަނޑަކަށް ކޮންމެ 3 މިލިއަނަކުން 1 ޑޯޒް ދެވޭ މީހަކަށް ކަމަށެވެ. ނުވަތަ އިމިއުނޯކޮމްޕްރޮމައިޒްޑް ކުދިންނަށް ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައެވެ. އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑައިރެކްޓަރު ޑރ އެންތަނީ ފައޫޗީ ވަނީ ވެކްސިން ތަރައްގީ ކުރަމުންދާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެވެސް އެއް ކެންޑިޑޭޓެއްގެ ވެކްސިން ކާމިޔާބުވާނެ ކަމަށާ، 2021 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ވެކްސިނެއް ލިބޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.