މާލޭގެ ގެސްޓް ހައުސެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައި ވަނީ މާލޭގެ ގެސްޓް ހައުސެއްގައި މިދިއަ ބުދަ ދުވަހެވެ.

ފުލުހުން ބުނީ މާލޭގެ ގެސްޓް ހައުސެއްގައި އަންހެންކުއްޖަކު ރޭޕްކުރި މައްސަަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި އޮތް ދަނޑިވަޅެއްގައި، ކުޑަ ކުއްޖަކު ގެސްޓް ހައުސަށް ގެންދެވުނު ގޮތެއް ބެލުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވާ ގެސްޓް ހައުސަކަށް ކުޑަކުއްޖަކު ގެންގޮސް ޖިންސީ ގޯނާ ކުރި މީ ދެވަނަ މައްސަލައެވެ. އެ ގޮތުން މިދިޔަ މަހު ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ނުފުރޭ އަންހެން ކުއްޖެއް އޭނާގެ އާއިލާއަށް އޮޅުވާލައިގެން ކަމަށް ބުނެ ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައެވެ.

އެ މައްސަލަވެސް ތަހުގީގު ކުރަމުން ދާއިރު، އެ ކުއްޖާ ރަށުން ގެނައުމުގައި ބޮޑެތި އޮޅުވާލުންތަކާއި، ބިރުދެއްކުމުގެ ކަންތައްތަކެއް ހިމެނޭކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ ކުއްޖާ ގޮވައިގެން މާލެ އައިސްފައި ވަނީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާ މި ދަނޑިވަޅުގައި އެޗްޕީއޭގެ ހުއްދަ ނަގައިގެން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.