އިސްރާއީލާ ފަލަސްތީނާ ދެމެދު ދިގުލައިގެން ގޮސްފައިވާ ހަމަނުޖެހުންތަކަށް ހައްލު ހޯދުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނާލްޓް ޓްރަމްޕް އިސްކޮށް ހުންނަވައިގެން އެކުލަވާލައްވާފައިވާ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނަށް ރައްދު ދިނުމުގެ ގޮތުން އެކަމަށް ގޮންޖަހާލާ ވަރުގެ ޕްލޭނެއް ފަލަސްތީނުން ހުށަހަޅައިފިއެވެ.

ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) އިން ބުނީ މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމުގެ މަސައްކަތުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ މީޑިއޭޓަރުންނަށް ފޮނުވާފައިވާ މި ޕްރޮޕޯސަލަކީ އަސްކަރީ ބަރު ހަތިޔާރު ނައްތާލެވިފައިވާ، އަދި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އަދި ގައްޒާއަށް ފުރިހަމަ އިސްތިގުލާލު ލިބިފައިވާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް އުފެދިގެންދާ ގޮތަށް ފަރުމާ ކޮށްފައި ވާ ޕްރޮޕޯސަލެއް ކަމަށެވެ.

ބައިނަލްއަގުވާމީ ޕްލެޓްފޯމްގައި ހަރަކާތްތެރިވާ ނޫސްވެރިންނާއެކު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު ޝަތިއްޔާ ވިދާޅުވީ، އިސްރާއީލާ ފަލަސްތީނާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ޒިންމާއާއި މަތިކޮށްފައި ވާ ކުއާޓެޓް ގުރޫޕުގައި ހިމެނޭ އދ، ވިލާތުގެ އިއްތިހާދު، އެމެރިކާ އަދި ރަޝިއާއަށްވެސް މި ޕްރޮޕޯސަލް ފޮނުވާފައިވާނެ ކަމަށެވެ.

ޕްރޮޕޯސަލްގެ ބައެއް ތަފްސީލުތައް ދެއްވަމުން ޝަތިއްޔާ ވިދާޅުވީ، އިސްރާއީލާ ފަލަސްތީނާ ދެމެދު ބިން ބެހުމުގައި ސައިޒާ އަގުގެ ގޮތުން ހަމަހަމަކަން އިސްކުރުމަށް މި ޕްރޮޕޯސަލް ބާރު އަޅާ ކަމަށެވެ.

ފަލަސްތީނުން މިފަދަ ޕްރޮޕޯސަލެއް ހުށަހަޅާފައި ވާއިރު، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމަށް ކަމަށް ބުނެ އެމެރިކާއިން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލަކީ އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރިއާއި އުރުދުންވާދީގެ ބިންތައް އިސްރާއީލުގެ ދަށަށް ގެންދިއުމަށް ފެހި ސިގްނަލެއް ދިން ޕްރޮޕޯސަލެއް ކަން ފާހަގަކުރަން ޖެހެއެވެ.

ފަލަސްތީނުން އެމެރިކާގެ ޕްރޮޕޯސަލް ބަލައިގެންފައެއް ނުވެއެވެ. އެމެރިކާގެ ޕްރޮޕޯސަލަކީ އިސްރާއީލާ ވީ ކޮޅަށް ބުރަވެފައިވާ ޕްރޮޕޯސަލެއް ކަމަށް ބުނެ، ފަލަސްތީނުންވަނީ އޮސްލޯ އެކޯޑުން ވަކިވެދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.