ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގެ ހޮސްޕިޓަލުތައް ހިމެނޭ ސަރަހައްދުތަކުގައި 2019 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އެއްގަމު އުޅަނދުފަހަރުގެ ކާރޫބާރޫ ބޮޑުވާން ފަށާފައިވާކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކާއިރު، މިއީ ޗައިނާއިން ރިޕޯޓްކޮށްފައިވާ ދުވަސްވަރަށްވުރެ ކުރިންވެސް އެގައުމުގައި ވައިރަސް ފެތުރެމުންދިއަ ކަމަށް ބާރުދެނިވި ހެއްކެ ކަމަށް ބުނާ ދިރާސާއެއް އާންމު ކޮށްފިއެވެ.

ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް -2 (ސާސްކޯވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް، ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. މި ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށީ ވޫހާންގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓް ސަރަހައްދަކުންނެވެ.

ކަންމިހެން އޮތް ނަމަވެސް، ހާވަޑްގެ ދިރާސާ ޓީމުން ބުނާ ގޮތުގައި 2019 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ޑިސެމްބަރު މަހާ ދެމެދު ފާއިތުވީ މުއްދަތުގައި، ވޫހާންގެ 5 ހޮސްޕިޓަލެއްގެ ބޭރުގައި އެއްގަމު އުޅަނދުފަހަރުގެ ކާރޫބާރޫވަނީ ބޮޑުވާން ފަށާފައެވެ.

ދިރާސާ ޓީމުން ބުނާ ގޮތުގައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ދުވަހެއްގައި ވޫހާންގެ ތިއާންޔޫ ހޮސްޕިޓަލުގެ ބޭރުގައި 171 ކާރު ޕާކުކޮށްފައިވާކަމަށް ސެޓަލައިޓް ފޮޓޯއިން ހާމަވާއިރު، 2019 ވަނަ އަހަރުގެ މިމުއްދަތުގައި މިއަދަދު 285 އަށް އިތުރުވި މަންޒަރު ފެނެއެވެ.

ހާވަޑް ޔުނިވާސިޓީއިން އާންމުކޮށްފައިވާ ފޮޓޯތަކެއް/ފޮޓޯ: ހާވަޑް ޔުނިވާސިޓީ

މީގެ އިތުރުން މި ދުވަސްވަރަކީ "ކެއްސުން" އަދި "ބޭރަށް ހިނގުން" ފަދަ އަލާމާތްތަކާ ބެހޭ ގޮތުން އާންމުން އިންޓަނެޓްގައި ގިނަ އަދަދަކަށް ސާޗްކުރި އަލާމާތްތަކެއް ކަމަށް ރެކޯޑްތަކުން ސާބިތު ވާ ކަމަށްވެސްވެއެވެ. ޗައިނާގެ ސާޗް އިންޖިން 'ބައިޑޫ'ގައި މި ފަދަ ސާޗްތައް އިތުރުވާން ފެށީވެސް މިދުވަސްވަރުއެވެ.

ޗައިނާއިން ބުނާ ގޮތުގައި މި ދިރާށާއަކީ ތާކުން ތާކުޖެހޭ ދިރާސާއެއް ނޫނެވެ. އަދި މި ދިރާސާއަކީ "ބޯދާ" ގަބޫލުކުރުންތަކެއްގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކޮށްފައިވާ ދިރާސާއެއް ކަމަށްވެސް ޗައިނާއިން ބުނެއެވެ.

މިހާތަނަށް ގަބޫލުކުރެވިފައި އޮތް ގޮތުން ނަމަ، ކޮވިޑް-19 ޖައްސާ ވައިރަސް ޗައިނާއިން އެންމެ ފުރަތަމަ ފެންނަން ފެށީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ ގައުމުގައި ނިއުމޯނިއާ ޒާތުގެ ބަލިމަޑުކަމެއް އުޅޭކަން ޗައިނާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އަށް އަންގާފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ޗައިނާގެ ވޫހާން ސިޓީގެ ބޯޑަރުތައް ހުޅުވުމާ ދިމާކޮށް ހައިވޭ ޓޯލްބޫތު ސަރަހައްދުގައި ވެހިކަލްތައް ސަފު ހަދާފަ/ފޮޓޯ: އޭއެފްޕީ

ނަމަވެސް ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑރ ޖޯން ބްރައުންސްޓީން ވިދާޅުވީ، ހަގީގީ ބަލިމަޑުކަން ދެނެގަނެވުމުގެ ކުރިންވެސް، އިޖުތިމާއީ ހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އަރާފައިވާކަމަށެވެ. ކޮވިޑް-19ގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދާ ޖެހުނުއިރުވެސް ހޯދިފައި ނުވާއިރު މި ބަލި ޖައްސާ ވައިރަހުން ދިފާއުވާނެ ވެކްސިންއެއް ނުފެނުތޯ، ކަނޑައެޅިގެން ވަކި ފަރުވާއެއްވެސް އަދި ހޯދިފައެއެއް ނުވެއެވެ.