މިޔަރާއި ކަހަނބު ހިފުން ހުއްދަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފިއެވެ.
މިއަދުގެ މަޖިލީހުގައި އެ ގަރާރު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓް ދެއްވާފައިވަނީ އެންމެ ހަތަރު މެންބަރުންނެވެ. އަދި އެ ގަރާރު ފާސްކުރުމާ ދެކޮޅަށް 53 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރުގައި ފަންސާސް މޭލު އެތެރޭ ސަރަހައްދުގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުން ދިވެހި މަސްވެރިންނަށް މަނާކޮށްފައި އޮންނަ އޮތުމަށް ނިމުމަކަށް ގެނައުމަށް ވެސް ވަނީ ގޮވާލާފައެވެ.
އަދި އެކަން ނިމުމަކަށް ގެނެސް ދިވެހިންނަށް އެކަމުގެ ހުއްދަ އަލުން ދިނުމުގެ އިތުރުން އެއްވެސް ހުރަހެއް ނެތި ރާއްޖޭގެ ނޫ އިގްތިސާދުގެ ނަފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ގޮތުގެ މަތިން، ވަކި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުމަކީވެސް ދިވެހި މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ހުއްދަ ކަމެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
ދިވެހިކަނޑުތަކުގައި އުޅޭ އިންސާނުންނަށް ހަމަލާދޭ ނުރައްކާތެރި މިޔަރުގެ ބާވަތްތައް ދެނެގަތުމުގެ މަސައްކަތް ފެށުމާއި އެތަކެތީގެ ސަބަބުން މަސްވެރިންނާއި ފަތުރުވެރިންނަށް ކުރިމަތިވާ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި ފަންސާސް މޭލު އެތެރޭ ސަރަހައްދުގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުން ދިވެހި މަސްވެރިންނަށް މަނާކޮށްފައި އޮންނަ އޮތުމަށް ނިމުމަކަށް ގެނައުމާއި އެއްވެސް ހުރަހެއް ނެތި ރާއްޖޭގެ ނޫ އިގްތިސާދުގެ ނަފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ގޮތުގެ މަތިން، ވަކި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުން ހުއްދަ ކުރުން ކަމަށް ޖާބިރުގެ ގަރާރުގައި ވެއެވެ.
ޖާބިރަކީ މަސްވެރިކަމާއި މަސްވެރިންނަށްޓަކައި މަޖިލީހަށް ގިނަ ގާރަރުތަކެއް ހުށަހަޅަމުންދާ މެންބަރެކެވެ. އެގޮތުން އެން ނަގަން ޑައިވް ކުރާ މަސްވެރިން ޑިކޯވުމާއި ގުޅިގެން ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ސިފައިން ނިކުމެ، ހުރިހާ މިޔަރުތައް މަރާލުމަށްވެސް ގޮވާލާފައެވެ.