ސައުދީ އަރަބިއްޔާއިން 39 މިސްކިތެއް ބަންދު ކޮށްފިއެވެ.

ސައުދީގެ ދައުލަތުން ހިންގާ އަލް އަރަބިއްޔާއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި މި މިސްކިތްތައް ބަންދުކޮށްފައިވަނީ އެ މިސްކިތްތަކަށް ދިޔަ ބައެއް މީހުން ނުވަތަ މިސްކިތް ބެލެހެއްޓުމަށް މަސައްކަތްކުރަމުން ދިޔަ ބައެއް މީހުންގެ ހަށިގަނޑުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަލާމާތްތައް ފެންނަން ފެށުމާ ގުޅިގެންނެވެ.

މިސްކިތްތައް ސްޓެރެލައިޒް ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ. މިސްކިތްތައް ހުރި ސަރަހައްދުތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ކޮންމެވެސް ވަރަކަށް ދޫދީ، މައްކާ ފިޔަވާ އެހެން ސަރަހައްދުތަކުގެ މިސްކިތްތައް ހުޅުވާލީ ހުސްވި ހަފުތާގެ ތެރޭގައެވެ. ސައުދީއިން މިސްކިތްތައް ހުޅުވާފައިވަނީ ވަކި އުސޫލެއްގެ ދަށުން، ވަކި ވަގުތުތަކަކަށެވެ. އެގޮތުން މިސްކިތައް ވަނުމުގެ ކުރިން ކޮންމެ މީހެއްގެ ހަށިގަނޑުގެ ފިނިހޫނުމިންވެސް މޮނިޓާ ކުރެއެވެ.

ސައުދީ އަރަބިއްޔާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 95748 އަށް އަރާފައެވެ.