ރާއްޖޭގެ މުޅި ސިއްހީ ނިޒާމް ކޮވިޑާ ހެދި ބުރަޔަކަށް ވެ ފެއިލް ވުމަކީ ބައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ފާއިރުވީ ދެ މަސްތެރޭ ތުއްތު 4 ކުދިން މަރުވުން ބަލައި ނުގަނެވޭ ކަމަށެވެ.

ކޮވިޑް-19ގެ މިފަދަ ހާލަތެއްގައި އެހެން ބަލިތަކަށް ފަރުވާ ނުދެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކޮވިޑް ނޫން ބަލި ތަކުން، ފަރުވާ ނުދެވި މަރުވާ މިންވަރާމެދު ސަމާލު ވާން ޖެހޭ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވެއެވެ.

ރައީސް ވަހީދު މިފަދައިން ވިދާޅުވެފައި ވާއިރު، އިއްޔެ ސޯޝަމް މީޑިއާ ފަތަހަ ކޮށްފައި ވަނީ ދުވަސް ނުފުރާ ވިހޭ އެއްމާބަނޑު ދެކުދިން ނިޔާވި އިރު، އާސަންދަ އާއި ހިދުމަތްތައް ލިބުމުގައި ލަސްތަކެއް ދިމާވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ހަބަރެވެ.

މިމަހުގެ 1 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ހަބަރަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު އޮޕަރޭޝަނެއް ނުކުރެވި 5 ދުވަސް ވެގެން ދިއުމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑުގެ މުހިންމު ގުނަވަނެއް ހަލާކުވެ، ހަށިގަނޑާ ވަކި ކުރަން ޖެހުނު ކަމަށް ބުނާ ހަބަރެކެވެ.

މީގެ އިތުރުން ވެސް އިހުމާލުގެ އެތައް މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ހާދިސާތަކުގެ ތެރެއިން މިފަހުން ދެ ރަށަކާއި އޭޑީކޭގައި ކުއްޖަކު މަރުވި ހާދިސާ ހިމެނެއެވެ. އެއީ އއ ތޮއްޑުއާއި ށ. ނަރުދޫގައި އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައާއި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ 7 މަހުގެ ކުއްޖަކަށް ފަރުވާ ދިނުމުގައި ލަސްވެ އެ ކުއްޖާ އޭނާގެ މަންމަގެ ކޮނޑުމަތީގައި އޮވެ މަރުވި ހާދިސާއެކެވެ.

އއ. ތޮއްޑޫގައި ހިނގި ހާދިސާގައި އެރަށުން މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އޭނާއަށް ފަރުވާ ލިބޭނެ ގޮތް ނުވުމުގެ ސަބަބުން ދަރިފުޅު ބަނޑަށް މަރުވީ ހުސްވި މަހުގެ 14 ވަނަ ދުވަހެވެ.

ހަމައެއާއެކު ށ. ނަރުދޫގައި މާބަނޑު އަންހެނަކު ވިހަން ދާނެ ހޮސްޕިޓަލެއް ހަމަނުޖެހި ލަސްތަކެއް ދިމާވެ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާގެ ދަރިފުޅު ބަނޑަށް މަރުވެފައި ވަނީ ހުސްވި މަހުގެ 25 ވަނަ ދުވަހެވެ. އޭޑީކޭގެ ހާދިސާ ހިގާފައި ވަނި ހުސްވި މަހުގެ 22 ވަނަ ދުވަހުއެވެ.