ފެހިކުލައިގެ އައްސޭރިފަށަކާ، ކޯރަކާ ގުޅިފައިވާ ވިލާބޯވެފައިވަނިކޮށް އިރުއޮއްސެންދާ މަންޒަރު ފެންނަ މި ތަސްވީރު، ފޯނުގެ ވޯލްޕޭޕަރު ގޮތުގައި ބޭނުންކުރަން ފެށުމާއެކު، ފޯނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ސިސްޓަމް ކްރޭޝްވާ ކަމުގެ ޝަކުވާ، އެންޑްރޮއިޑް ފޯނު ބޭނުންކުރަމުންދާ ގިނަ އަދަދެއްގެ ބަޔަކު، ސޯޝަލް މީޑިއާގައި ކުރަން ފަށައިފިއެވެ.
ސަމްސަންގްއާއި ގޫގްލްގެ ޕިކްސަލް ފޯނު ބޭނުންކުރާ އެންޑްރޮއިޑް ކަސްޓަމަރުންވެސް މި ޝަކުވާ ކޮށްފައި އެބަހުއްޓެވެ.
ޓެކްނޮލޮޖީ މީޑިއާ ބުނާ ގޮތުގައި މިއީ ބަގްއެކެވެ. މި ބަގް ފަރުމާކޮށްފައިވަނީ މި ފޮޓޯ ބޭނުންކުރާ ސްކްރީންއެއް އޭގެ އަމިއްލަ ޒާތުގައި އޮންވެ، އޮފްވާ ގޮތަށެވެ. ބައެއް ފަހަރު ފެކްޓަރީ ރިސެޓިންގް ހަދަންވެސް މަޖުބޫރުކުރުވައެވެ. މިއީ ތަޖުރިބާއަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ދާއިރާގެ ތަޖުރިބާކާރުން ލަފާ ދެނީ، މީހަކު މި ފޮޓޯ ފޮނުވި ކަމުގައި ވީ ނަމަވެސް އަޅާ ނުލާ ދޫކޮށްލުމަށެވެ.
ސަމްސަންގް ކުންފުނިން ވަނީ، މިކަން ހައްލު ކުރުމަށް ޖޫން 11 ވަނަ ދުވަހު މެއިންޓަނަންސް އަޕްޑޭޓްއެއް ރިލީޒްކުރާނެ ކަން ހާމަކޮށްފައެވެ. ނަމަވެސް ގޫގްލްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެންޑްރޮއިޑް އޮތޯރިޓީއަށް މަސައްކަތްކޮށްދެމުން އަންނަ ޓެކްނޮލޮޖީ ޖާނަލިސްޓް ބޮގްޑާން ޕެޓްރޮވާން ބުނީ އޭނާ ގެންގުޅުނު ވާވޭ 20 ޕްރޯއަށް މި ފޮޓޯގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާ ކަމަށާ، ނަމަވެސް ގޫގްލް ޕިކްސަލް 2 ފޯނަށް މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ވޯލްޕޭޕަރު ސެޓް ކުރުމާއެކު ފޯނު ވަގުތުން 'ކްރޭޝް'ވި ކަމަށެވެ. އަދި ރީބޫޓް ކުރުމުގެ މަސައްކަތް ފެށި ކަމަށާ، ނަމަވެސް ސްކްރީން އޭގެ އަމިއްލަ ޒާތުގައި އޮންވެ، އޮފްވުމުގެ ސަބަބުން ސެކިއުރިޓީ ސްކްރީންއާ ހިސާބަށްވެސް ދެވޭ ގޮތް ނުވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ސޭފް މޯޑުގައި ފޯނު ހުޅުވަން އުޅެގެންވެސް މައްސަލަ ހައްލު ނުވި ކަމަށް އޭނާ ބުނެއެވެ.
ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރުމި މައްސަލަ ކުރިމަތިވަނީ އެންޑްރޮއިޑް އޮޕަރޭޓިންގް ސިސްޓަމްގެ އެންމެ ވަހުގެ ވާޝަން ކަމަށްވާ އެންޑްރޮއިޑް 10 ބޭނުންކުރާ ޑިވައިސްތަކަށެވެ. މިއީ ކީއްވެ ކުރިމަތިވާ މައްސަލައެއްކަން އަދި ޔަގީންކޮށް، ކަށަވަރުވެފައެއް ނުވެއެވެ.