އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ފިތުރު ޒަކާތް ބެހިއިރު މިދިޔަ އަހަރުގެ ލިސްޓަކަށް ބަލައިގެން ޒަކާތް ބެހި މައްސަލަ އިޖުތިމާއީ ކޮމެޓީން ބަލަން ނިންމައިފިއެވެ.

މި މައްސަލަ އެ ކޮމެޓީ އަށް ހުށަހަޅާފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޝިޔާންއެވެ. އޭނާ އެ މައްސަލަ ބެލުމަށް ހުށަހެޅީ މިދިޔަ އަހަރުގެ ލިސްޓަކަށް ބަލައިގެން ޒަކާތް ބެހުމުން ދިރިއުޅުމުގެ މިހާރުގެ ހާލަތު ދަށްވެފައިވާ މީހުންނަށް ހައްގު މިންވަރު ލިބިފައި ނުވާ ކަމަށް ވިދާޅުވެއެވެ.

މިއަދު ބޭއްވި އިޖުތިމާއީ ކޮމެޓީގައި މެންބަރުން ވަނީ ޝިޔާންގެ އެ ސިޓީއާ ގުޅިގެން މަޝްވަރާ ކުރައްވާފައެވެ. މި މައްސަލާގައި އިސްލާމިކް މިނިސްޓްރީން ކަމާބެހޭ މައުލޫމާތު ހޯދުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހުށަހެޅުއްވިއެވެ. އަދި މެންބަރު ޖީހާންގެ އެ ހުށަހެޅުއްވުން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

މި މައްސަލައަކީ [ކުރީގެ ލިސްޓަކަށް ޒަކާތް ބެހުން] ގިނަބަޔަކު މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ. އަދި މިހާރުގެ ހާލަތު ހުރި ގޮތުން ކުރީ އަހަރުގެ ލިސްޓަށްވުރެ މިއަހަރު ޒަކާތުގެ ފައިސާ ލިބެންޖެހޭ މީހުންގެ އަދަދު ގިނަވާނެ ކަމަށްވެސް ގިނަބަޔަކު ދިޔައީ ބުނަމުންނެވެ. ސަބަބަކީ ކޮވިޑް19 ގެ ސަބަބުން ގިނަބައެއްގެ ދިރިއުޅުމަށް އަސަރުތަކެއް ކޮށްފައިވާތީއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ އެކަމުގައި ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި ޒަކާތް ބަހަން ޖެހޭނީ އެއިރެއްގެ ހާލަތަކަށް ބެލުމަށްފަހު ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.