އަހަރު ނިމޭއިރު އެއް ކެންޑިޑޭޓްއެއްގެ ފަރާތުން 100 މިލިއަން ޑޯޒްގެ (ކޮރޯވާނައިރަސް ޑިޒީޒް ކޮވިޑް-19) ވެކްސިން އެމެރިކާއަށް ލިބެންޖެހޭނެ ކަމަށް، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަޒް (ނީއެއިޑް) ގެ އިސްވެރިޔާ އަދި ކޮވިޑް-19 ވައިޓްހައުސް ޓާސްކްފޯސް މެމްބަރު ޑރ އެންތަނީ ފައޫޗީ ވިދާޅުވެއްޖެއެވެ.

ޖާނަލް އޮފް ދި އެމެރިކަން މެޑިކަލް އެސޯސިއޭޝަންއިން ވަގުތުން ކުރިއަށް ގެންދިޔަ ސުވާލާ ޖަވާބު ސެޝަންއެއްގައި ވާހަކަދައްކަވަމުން ޑރ ފައޫޗީ ވިދާޅުވީ، 2021 ވަނަ އަހަރަށް ފަށާއިރު ދެތިން މިލިއަން ޑޯޒްއެއްގެ ވެކްސިން ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޑރ ފައޫޗީ ވިދާޅުވީ ފުރަތަމަ ވެކްސިން ފޯރުކޮށްދޭނެ ކެންޑިޑޭޓްއަކީ ނީއެއިޑްއާއިއެކު ޕާޓްނާޝިޕް އުސޫލުން މަސައްކަތް ކުރަމުންދާ ބައޮޓެކް ކުންފުނި މޮޑާނާ ކަމަށާ، މި ކެންޑިޑޭޓްގެ ވެކްސިންގެ 3 ވަނަ ނުވަތަ ފަހު މަރުހަލާގެ ތަހުލީލުތައް މިއަހަރުގެ ހޫނު މޫސުމުގެ މެދަކާ ހިސާބުގައި ފަށަންޖެހޭނެ ކަމަށެވެ. ޑރ ފައޫޗީ އިތުރަށް ވިދާޅުވީ މިކަމަށް ވާންޖެހޭ ތައްޔާރިތައް، ދާހިލީ އަދި ބައިނަލްއަގުވާމީ ފެންވަރުގައިވެސް ވަމުން އަންނަ ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: ބިޒްނަސް ޖާނަލްސް

3 ވަނަ މަރުހަލާއަކީ ވޮލަންޓިއަރުންގެ ހަށިގަނޑުގައި ވެކްސިން ތަހުލީލު ކުރުމުގެ މަރުހަލާއެވެ. މި މަރުހަލާގައި 30000 އެއްހާ ވޮލަންޓިއަރުން ބައިވެރިކުރާނެއެވެ. މީގެ ތެރޭގައި އުމުރުން 18 އަހަރާ 55 އަހަރުގެ މީހުން ހިމެނޭއިރު، މިހާރުވެސް ސިއްހީ މަސައްލަތައް ހުންނަ މީހުންވެސް މީގެ ތެރޭގައި ޝާމިލުވާނެ ކަމަށް ޚަބަރު ލިބެއެވެ.

ޑރ ފައޫޗީ ވިދާޅުވީ މި ވެކްސިންގެ 2 ވަނަ މަރުހަލާގެ ތަހުލީލުތައް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފަށާފައިވާކަމަށާ، މި މަރުހަލާގައިވެސް އެތައް ސަތޭކަ ވޮލަންޓިއަރުންނެއް ބައިވެރިވެފައިވާކަމަށެވެ.

ު މޮޑާނާއަކީ އިންސާނުންގެ ހަށިގަނޑުގައި ފުރަތަމަ ފަހަރަށް ކޮވިޑް-19އާ ދެކޮޅަށް ވެކްސިންއެއް ޓެސްޓު ކުރި ކުންފުނި/ފޮޓޯ: އެނާޖެޓިކްސިޓީ

ޑރ ފައޫޗީ ވިދާޅުވީ ރާވާފައި އޮތީ ވެކްސިންގެ ކާމިޔާބުކަން ކަށަވަރުވުމުގެ ކުރިންވެސް ފުޅާ ދާއިރާއެއްގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އެގޮތުން މިއަހަރުގެ ނޮވެމްވަރު ނުވަތަ ޑިސެމްވަރު މަސް އަންނައިރު 100 މިލިއަނެއްހާ ޑޯޒް އުފެއްދުމަށް ރާވާފައިވާކަމަށް ޑަރ ފައޫޗީ ވިދާޅުވިއެވެ. މި މުއްދަތު އަންނައިރު، މި ވެކްސިންއަކީ ކާމިޔާބު ވެކްސިންއެއްކަން ނުވަތަ ނޫންކަން ސައެންސްވެރިންނަށް އެނގޭނެ ކަމަށްވެސް ޑަރ ފައޫޗީ ވިދާޅުވިއެވެ.

އަސްޓްރާޒެނީކާ ކުންފުނިން އިނގިރޭސިވިލާތުގައިވެސް އަމަލު ކުރަމުންދަނީ މިފަދަ ތާވަލަކަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބަޔަކު މަރުވަމުން ދިޔަކަމުގައި ވީ ނަމަވެސް، ޝިފާ ލިބޭ މީހުންގެ އަދަދު އިތުރުވަމުންދާ ދިއުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ވައިރަހާ ދެކޮޅަށް މަސައްކަތްތަކެއް ކުރާ ކަމުގެ ހެއްކެއް ކަމަށާ، އެއީ އުއްމީދު އާކޮށްދެނިވި ކަމެއް ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއްގައި ފުރިހަމަ ގެރެންޓީއެއް ނެތްކަމަށްވެސް ޑރ ފައޫޗީ ވަނީ ވިދާޅުވެފައެވެ.

ޑރ ފައޫޗީ ވިދާޅުވީ ކޮރޯނާވައިރަހުގެ އެހެން ސްޓްރެއިންތަކުން ޖައްސާ ރޯގާތަކާ ދެކޮޅަށް އިންސާނާގެ ހަށިގަނޑުން އެންޓިބޯޑީޒް އުފައްދާކަމަށާ، ނަމަވެސް އެ ބާރު ދެމިހުންނަނީ އަހަރެއްހާ ދުވަހަށް ކަމަށެވެ. އިންފްލުއެންޒާއަށް ބަލާއިރުވެސް އަހަރަކު އެއް ފަހަރު ވެކްސިން ޖަހަންޖެހޭއިރު، ކޮވިޑް-19ގައިވެސް މިފަދަ ގޮތެއް ވެދާނެ ކަމުގެ އިޝާރާތެއް ޑރ ފައޫޗީ ވަނީ ދެއްވާފައެވެ.