ކޮވިޑް-19 އާ ގުޅުންހުރި ކަންތައްތަކަށް މިދިޔަ ހަފްތާގައި އެންމެ ބޮޑު ހަރަދެއް ކުރީ އެންޑީއެމްއޭ އާއި އައިޖީއެމް ހޮސްޕިޓަލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ކޮވިޑާ ގުޅުން ހުރި ކަންކަމަށް ޖުމްލަ 892.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ދައްކައެވެ. އެގޮތުން ޖުމްލަ ހަރަދުގެ ތެރެއިން 53.3 ޕަސެންޓަކީ ކޮމިޓެޑް ސްޕެންޑިން ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މިދިޔަ ހަފްތާގައި 892.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭކްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އައިޖީއެމްއެޗަށެވެ. އެގޮތުން އެންޑީއެމްއޭ އަށް 584.4 މިލިއަން ރުފިޔާ އަދި އައިޖީއެމްއެޗަށް 141.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ހަމައެއާއެކު ޕީޕީއީ އަދި ޓެސްޓު ކިޓު ފަދަ ތަކެތި ގަތުމަށް ހެލްތު މިނިސްޓްރީ އިން 74 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު އެންޑީއެމްއޭ ގެ ކެޕިޓަލް އިކުއިޕްމެންޓު ފަދަ ހަރަތުތަކަށް 111 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގައި އެންސްޕާ އިން ސަބްސިޑީ އަދި ގްރާންޓުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. ފޮރިން މިނިސްޓްރީގެ ޑޮމެސްޓިކް ބަޖެޓުން އެހީގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު ޒަކާތު ފަންޑުން ވަނީ 3 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.