ކޮވިޑްގެ ހާލަތު މަޑުޖެހުމުން އެމްއެމްޕީއާރްސީ ހިޔާނާތުގައި އިސްކޮށް ހަރަކާތްތެރިވި އެންމެންގެ މައްޗަށް ދައުވާ ކުރެވޭނެކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް، އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުހީ ޕްރޮގްރާމަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ އެ މައްސަލައިގައި އެންމެ އިސްކޮށް ބައިވެރިވެފައިވާ މީހުން ހޯދިފައިވާ ކަމަށާއި އެމީހުންނަށް ދައުވާ ކުރުމަށް ފޮނުއްވާނެ ކަމަށެވެ. އަދި މިހާރުވެސް އެ މީހުން ތިބީ ބަންދުގައި ކަމަށާއި ހަމައެއާއެކު ތަހުގީގުވެސް، އަދިވެސް ކުރިއަށްދާ ކަމަށް އިމްރާން ވިދާޅުވިއެވެ. ހަމައެއާއެކު، ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންއަށް ދިޔުމުގެ ކުރިން، އެންމެ ފަހުގެ ބަޔާންތަށް ނެގި ސޮއެ ކުރުމާ ހަމައަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

.ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންއަށް ދިޔުމުގެ ކުރިން އެންމެ ފަހުގެ ބަޔާންތަށް ނެގި ސޮއެ ކުރުމާއި ހަމައަށް ގޮސްފައިވަނީ، އޭގެ ނަތީޖާއެއްގެ ގޮތުން ކޮމްމެވެސް ވަރަކަށް މަޑުޖެހިލާފަ މި އޮތީ، ކިރިޔާވެސް މަސައްކަތް ކުރަން ފެށޭއިރަށްހަމަ ވަރަށް އަވަހަށް ކަންކަން ހިނގާ ނިންމާނެ އެންމެ އިސްކޮށް ބައިވެރިވެފައިވާ ފަރާތްތަކަށް ދައުވާ ކުރުމުގެ މަސައްކަތްތަށް ގާތްގަނޑަކަށް ހުރީ ނިމިފަ
މިނިސްޓަ އިމްރާން

އެމްއެމްޕީއަރުސީ ހިޔާނާތުގައި 267 މީހަކަށް މަންފާ ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގެ 16 މެމްބަރަކާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ 7 އޮފިސަރަކު ހިމެނޭ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށްވެސް ތުހުމަތުތައް އުފުލިފައިވާ އެމްއެމްޕީއާރުސީފެ ހިޔާނާތާ ގުޅިގެން މިވަގުތު 5 އަހަރުގެ ހުކުމެއް އައިސް ޖަލުގައި ހުންނެވީ އެ ހިޔާނާތުގައި ބައިވެރިވާކަމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

އެމްއެމްޕީއާރުސީ ދައުވާ އާ ގުޅިގެން އިމްރާން މިރޭ ވާހަކަ ދެއްކެވި އިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށް ބުނެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓްތަކެއް ރިޓްވީޓް ކުރައްވާފައެވެ.

އަދި އެމްޑީޕީ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ލިޔުއްވި މެސެޖެއްގައި ރައީސް ޔާމީންގެ އަމަލުފުޅުތަކަށާއި ހިޔާލުފުޅުތަކަށް އެއްވެސް އިރެއްގައި އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި، އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ލިބިގެންދިޔަ މާބޮޑު އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.