ލެއާއި ލޭގެ ގުޅުން ބަދަހި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ކުރީީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތެދުވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ރައީސް މައުމޫންގެ ހަގު ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ކުރައްވައިފިއެވެ.

މިފަދަ އިޝާރާތެއް ޣައްސާން ކުރައްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާ ދެމެދު ޓްވިޓާގައި ހިނގި ބަހުގެ ހަމަލާތަކެއްގެ ތެރެއިންނެވެ.

މިބަހުގެ ހަމަލާތައް ފެށިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލު އަވަސް ކުރެވޭނީ ރައީސް ޔާމީން މިނިވަން ކުރުމުން ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީން އެދިފައިވާ ކަމަށް ބުނެ އެމްޑީޕީ މެންބަރުން ކުރެއްވި ތުހުމަތުތަކަށް ޣައްސާން ރައްދު ދެއްވި ހިސާބުންނެވެ. އެގޮތުން ޣައްސާން ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށާއި އެ މަނިކުފަނު މިނިވަންކޮށް ވެރިކަމަށް ގެނައުމުގެ މަސައްކަތް ކުރަނީ ފުޅާކަން ބޮޑުގޮތެއްގައި ކަމަށެވެ. އަދި ކެރިގެން ފުޅާކަން ބޮޑު ގޮތެއްގައި އެކަން ކުރާއިރު، ސިއްރު ޑީލް އެއް ހައްދަވާފައި ނުވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާންގެ ޓްވީޓަށް ރައްދުދެއްވައި މެންބަރު ވަހީދު ވަނީ ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާއުގައި އޭރު އެއްވެސް ބަހެއް ވިދާޅުވާން ޣައްސާނަށް ކެރިވަޑައިނުގެންނެވި ސަބަބާ ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، އޭރު އެބޭފުޅުން ޖަލަށް ލާފައި ތިބީ ޝަރީއަތެއް، ހުކުމެއް ވެސް ނެތި ކަމަށާއި، ރައީސް ޔާމީން ޖަލުގައި ހުންނެވީ މިހާރު އެންމެނަށް ގަބޫލުކުރެވޭ ވަރުގެ ވައްކަމުގެ ބޮޑު ހުކުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދަށް ރައްދު ދެއްވައި ޣައްސާން ވިދާޅުވީ، މެންބަރު ފާހަގަކުރެއްވި ނުކުތާތަކުގެ އިހުލާސްތެރި ކަމާމެދު ޝައްކު ނުކުރާ ކަމަށާއި ނަމަވެސް ރައީސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އޭނާ ވަނީ މެންބަރު ވަހީދުގެ ސުވާލުތަކުގެ ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގެ ލިންކެއް ވެސް ހިއްސާކުރައްވާފައެވެ.

ޣައްސާނަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް ސިޔާސީ ނުފޫޒުން ހުކުމެއް އައި ނަމަ، ޔަގީނުންވެސް ރައީސް މައުުމޫނާއި ފާރިސް އެކަން ފާހަގަކުރައްވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެކަމަށް ޣައްސާން ވިދާޅުވީ ކޯލިޝަން މުގުމުން އޭނާ އިޝާރާތް ކުރެއްވި ކަންތައް ފެންނާނެ ކަމަށާއި އެދުވަސް ދާދި ކައިރިން ފެންނަން ފަށާނެ ކަމަށެވެ. އެ ޓްވީޓުގައި ޣައްސާން ވަނީ މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭ ހޭޝްޓެގެއް ވެސް ބޭނުންކުރައްވާފައެވެ.

ޣައްސާން އެފަދަ ހޭޝްޓެގަކާ އެކު ކޯލިޝަން ރޫޅޭ ވާހަކަ ދައްކަވާފައި މިވަނީ، އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރު ކަމަށް ވަޑައިގެން، މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީން ބުނެފައިވަނިކޮށެވެ.

މީގެ އިތުރުން ޣައްސާނަށް ރައްދު ދެއްވަމުން މެންބަރު ވަހީދު ވަނީ އާއިލީ ގުޅުންތަކާއި، ރަހުމާ ހަމްދަރުދީ ގެންޅުއްވަނީ ވަކި ޒަމާނަކުން ވަކި ކޯލިޝަނެއް މުގުރުމަށް ފަހުގައި ކަމަށް ފާހަގަކުރެއްވީތީ ޣައްސާނަށް ޝުކުރުއަދާކުރައްވާފައެވެ. އޭގެ ޖަވާބުގައި ޣައްސާން ވިދާޅުވީ، އިޝާރާތްކުރެއްވީ ތެލާ ފެނުގެ ގުޅުމަށް ކަމަށާއި، ލެޔާ ލޭގެ ގުޅުން ބަދަހި ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު މިދިޔަ އޭޕްރީލް 30 ވަނަ ދުވަހެއް ކުރެއްވި ޓްވީޓެއްގައި ޣައްސާން ވަނީ ފުޅިއެއްގެ ތެރެއަށް ފެނާއި ތެޔޮ އަޅައި، ކިތަންމެ ވަރަކަށް ތެޅުވިޔަސް، ތެޅުވުން ހުއްޓާލުމުން ވަކިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމު އެއްބައިވަންތަ ކުރަންވީ ވަގުތު މި ފެންނަނީ ކޯލިޝަން މުގުރާލުމުގެ އަލާމަތްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ ދެން ފެންނާނީ ފެނަށްވުރެ ލޭ އޮލަކަން ކަމަށެވެ.