ޕްރައިވެޓް ރޮކެޓް ކުންފުނި ސްޕޭސް އެކްސްގެ އުޅަނދެއްގައި، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ 2 އޮސްޓްރޮނޯޓަކު ޖައްވަށް ފުރުވާލައިފިއެވެ.

މިއީ މީގެ 9 އަހަރު ކުރިން، އެމެރިކާގެ ޖައްވީ ފްލީޓް ރިޓާޔާ ކުރި ފަހުން، އެމެރިކާގެ ޖައްވީ ފަޅުވެރިންތަކެއް، އެމެރިކާގެ ފަސްގަނޑުން ޖައްވަށް އުދުއްސާލި ފުރަތަމަ ފަހަރެވެ.

ޕްރައިވެޓް ރޮކެޓް ކުންފުނި ސްޕޭސް އެކްސްގެ އުޅަނދެއްގައި، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ 2 އޮސްޓްރޮނޯޓަކު ޖައްވަށް އުދުއްސާލަނީ/ފޮޓޯ: ދަ ހިންދުސްތާން ޓައިމްސް

އެސްޓްރޮނޯޓް ޑަގް ހާލީއާއި ބޮބް ބެންކެން ޖައްވީ ދަތުރު ފަށާފައިވަނި އާ ކެޕްސޫލް ސިސްޓަމެއްގައެވެ. މީގެ އިތުރުން، މި ފަޅުވެރިން ތަޖުރިބާކުރަމުން ދަނީ، ނާސާގެ އާ ބިޒްނަލް މޮޑެލް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް ތަނުގައި ނާސާއިން ޖައްވީ ދަތުރު ކުރުމަށް އެ އިދާރާގެ އުޅަނދެއް ބޭނުމެއް ނުކުރާނެއެވެ. މި އޮޕަރޭޝަންތަކަށް ބޭނުން ކުރަމުންދާނީ ސްޕޭސް އެކްސް ކުންފުނިން 'ޓެކްސީ' އުސޫލުން ފޯރުކޮށްދޭ ޖައްވީ އުޅަނދުތަކެވެ.

ނާސާގެ އުއްމީދަކީ މަޝްހޫރު މަހުޖަނު އީލޯން މަސްކްގެ ސްޕޭސް އެކްސް ކުންފުނި ފަދައިން، އިތުރު އެހެން ކުންފުނިތައްވެސް ރޮކެޓް ޓެކްސީގެ ސިނާއަތާ ގުޅުމެވެ. މަތިންދާބޯޓު އުފެއްދުމުގެ ސިނާއަތުގައި ފުންނާބު އުސް، ބޮއިންގް ކުންފުނިންވެސް މިހާރުވަނީ ނާސާއާއިއެކު މިފަދަ ކޮންޓްރެކްޓްއެއް އެކުލަވާލާފައެވެ.

އެމެރިކާގެ ޖައްވީ އިދާރާގެ ތާރީހީ ދަތުރުގެ ކާމިޔާބު ފެށުމާއެކު ސްޕޭސް އެކްސް ކުންފުނީގެ ބާނީ އަދި މަހުޖަނު އީލޯން މަސްކް (މ) އުފާފާޅުކުރަނީ/ފޮޓޯ: އާކައިޑް

ސްޕޭސް އެކްސްގެ އުޅަނދުތަކުގައި އެމެރިކާއިން ޖައްވީ ދަތުރުތައް ފެށި ފެށުމަކީ، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައި.އެސް.އެސް)އަށް ދިއުމަށް ރަޝިޔާގެ ރެކޮޓްތަކަށް ނާސާއިން ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ތާރީހީ ބަދަލެކެވެ.

ތާރީހީ ރޮކެޓް މިޝަން ލޯންޗްކުރި މަންޒަރު ބައްލަވާލެއްވުމަށް މިވަގުތު ފްލޮރިޑާއަށް ވަޑައިގެން ހުންނެވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމެރިކާއިން ޖައްވަށް ދިއުމަށް ކުރީގެ ލީޑަރުން މުޅިންވެސް ބަރޯސާވީ ބޭރުގެ ގައުމުތަކަށް ކަމަށާ، ނަމަވެސް އެކަން މިހާރު ނިމުމަކަށް އައީ ކަމުގައި ޓްރަމްޕްވަނީ ވިދާޅުވެފައެވެ.

ސްޕޭސް އެކްސް ކުންފުނީގެ 'ފެލްކަން-9' ގެ ނަމުން ނަންދީފައިވާ ރޮކެޓްގައި ހާލީއާއި ބެންކެން ދުނިޔެއިން ބޭރަށް ދަތުރު ފެށީ ރާއްޖެ ގަޑިން ރޭ ދަންވަރު 00:22 ގައެވެ. މި ފަޅުވެރިން އައި.އެސް.އެސްއަށް ފޯރާނީ މިރޭގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. ހާލީއާއި ބެންކެން ދަތުރު ކުރަމުންދާ 'ޑްރެގަން' ކެޕްސޫލަކީ އައި.އެސް.އެސްއަށް ދަތުރުކުރާނެ މަގު އަމިއްލައަށް ދެނެގަންނަ ގޮތަށް ފަރުމާކޮށްފައިވާ ކެޕްސޫލެއް ނަމަވެސް، ދިމާވެދާނެ ކޮންމެ ފަދަ ހާލަތަކަށްވެސް މި ފަޅުވެރިން ވަނީ ތައްޔާރުވެފައެވެ.

ހާލީއާއި ބެންކެންގެ މި ދަތުރު ދިމާވެފައި މިވަނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ ވަގުތަކާއެވެ. އެހެންކަމުން މި 2 ފަޅުވެރިންވެސް ވަނީ ދަތުރުގެ ކުރިން ކަރަންޓީނަށް ގޮސްފައެވެ. އަދި ނާސާއިންވަނީ، ވީހާވެސް މަދު މީހަކާ ނޫނީ މި 2 ފަޅުވެރިން ބައްދަލު ނުވާނެކަން ކަށަވަރުކޮށްފައެވެ.

ސްޕޭސް އެކްސްގެ އުޅަނދުގައި އައިއެސްއެސްއަށް ދަތުރު ފެށުމުގެ ކުރިން ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ ޑަގް ހާލީއާއި ބޮބް ބެންކެން، ރޮކެޓް ކުރިމަތީގައި ހުއްޓިލައިގެން/ފޮޓޯ: ޓްވިޓާ

ހާލީއާއި ބެންކެންން ޖައްވުގައި ހޭދަކުރާނީ ކިހާ ދުވަހެއްކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް މި މިޝަންގައި 1-4 މަހާ ދެމެދުގެ މުއްދަތެއް މި 2 ފަޅުވެރިންވެސް ޖައްވުގައި ހޭދަކުރާނެއެވެ. ދަތުރުގެ ކާމިޔާބު ނިމުމާއެކު ނާސާއާއި ސްޕޭސް އެކްސް ކުންފުނީގެ އެއްބަސްވުމަށް ރަސްމީ ހައިސިއްޔަތު ލިބި، އޭގެ ފުރިހަމަ ކެޕޭސިޓީގައި ތަންފީޒުކުރަން ފަށާނެއެވެ. 2.6 ބިލިއަން ޑޮލަރުގެ މި ކޮންޓްރެކްޓްގެ ދަށުން މިފަދަ 6 ކްރޫއެއް އައި.އެސް.އެސްއަށް ފޮނުވާލުމަށް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ދަތުރު ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅުއެވެ.

ސްޕޭސް އެކްސްގެ ޖައްވީ އުޅަނދުތައް ފަރުމާކޮށްފައިވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތަށެވެ.