ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް -2 (ސާސްކޯވް-2)، އިންސާނުންގެ ހަށިގަނޑަށް ވާރުތަވުމުގެ ކުރިން، ވާލާ ޕެންގޮލިންތަކެއްގައި ވަގުތަކެއް ހޭދަކޮށްފައިވާކަމަށް ބެލެވޭ ކަމަށް، މި ވައިރަހުގެ ޖެނެޓެކިސް ދެނެގަތުމަށް ހޯދަމުންދާ ހޯދުންތަކަށް އެނގިފައިވާކަމަށް ދިރާސާ ކުރާ ފަރާތްތަކަކުން ހާމަކޮށްފިއެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނިއުކްލިއާ ހަތިޔާރު ފަރުމާ ކުރުމުގެ ގޮތްޕެއްގެ ގޮތުގައި އެމެރިކާގެ ހަކަތައާއި ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ލޮސް އެލާމޯސް ނޭޝަނަލް ލެބޯޓްރީ (ކުރުކޮށް ދަންނަވަނީނަމަ ލޮސް އެލާމޯސް) ގައި މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ސްޓާފް ސައެންޓިސްޓް އެލީނާ ޖޯޖީ ވިދާޅުވީ، ސާސްކޯވް-2ގެ ތާރީހުގައި ބޮޑެތި ބަދަލުތަކެއް ފާހަގަކުރެވިފައިވާކަމަށާ، އެގޮތުން އިންސާނުންގެ ހަށިގަނޑަށް ވައިރަސް 'ފުންމާލުމުގެ ކުރިން' ވާލާ ޕެންގޮލިންއާއި ދެމެދު ޖެނެޓިކް މެޓީރިއަލް ބަދަލުކުރުމުގެ ކަންތައްތަކެއްވެސް މި ވައިރަހުގެ ފުނަށް ފީނާލުމުން ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޕެންގޮލިންއަކީ ޗައިނާގެ ބާޒާރުތަކުގައި ކާބޯތަކެތީގެ ގޮތުގައި ފުދޭވަރަކަށް ގިނައިން ވިއްކާ ބާވަތެކެވެ. މި ޒާތުގެ ޕެންގޮލިންއަކީ ކޮވިޑް-19ގެ ވައިރަހުގެ ފެށުން ކަމަށް ވަކާލާތު ކުރަމުންދާތާވެސް މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. ކަންމިހެން އޮތް ނަމަވެސް މި ބަލިމަޑުކަމުގެ އިލްޒާމު ޕެންގޮލިންއަށް އަމާޒު ކުރަން އަދި މާ އަވަސް ކަމަށާ، އިންސާނުންގެ ހަށިގަނޑަށް ވައިރަސް 'ފުންމާލުމުގެ ކުރިން' 3 ވަނަ ޖަނަވާރެއްގެ ދައުރެއްވެސް މިކަމުގައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ސައެންސްގެ ފަހުގެ ހޯދުންތައް ޝާއިއު ކުރަމުން އަންނަ 'ސައެންސް އެޑްވާންސަސް' ޖާނަލްގައި އާންމުކޮށްފައިވާ ލޮސް އެލާމޯސްގެ ދިރާސާ ބުނާ ގޮތުގައި، އާންމުކޮށް ވާލާ، ޕެންގޮލިންސް އަދި 3 ވަނަ ބާވަތެއްގެ ޖަނާވަރަށް އިންފެކްޝަން ޖައްސާ ވައިރަހުގެ ޖީން ސްޓްރެއިން އަށް ކޮވިޑް-19 ޖައްސާ ވައިރަހުގެ ޖީންތައް ތަކުރާރުކޮށް ބަދަލުވެފައިވާކަމަށެވެ.
ކަންމިހެން އޮތްއިރު ހުރިހާ ޒާތެއްގެ ވަލު ޖަނަވާރާ އިންސާނުންނާ ދެމެދު އޮންނަ ގުޅުން ވީހާވެސް ބޮޑަކަށް ދުރުކުރަންޖެހޭ ކަމަށާ، އެހެނީ މިފަދަ ޖަނަވާރުތަކަކީ އާ އިންފެކްޝަންތައް ފަތުރާ ޖަނަވާރުތަކަކަށް ވުން ކަމަށްވެސް ދިރާސާ ޓީމުން ވަނީ ގޮވާލާފައެވެ.
ލޮސް އެލާމޯސްގެ ދިރާސާ އެކުލަވާލާފައިވަނީ ކޮރޯނާވައިރަސްތަކެއް 3 ސްޓްރެއިންގެ 43 ޖެނޯމްއަކުން މައުލޫމާތު އެއްކޮށްގެން ކަމަށްވާއިރު، މި މައުލޫމާތަކީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ޖައްސާ ސާސްކޯވް-2 ވައިރަސް ރަމްޒުކޮށްދޭ އެއްޗެއްކަންވެސް ފާހަގަކުރަންޖެހެއެވެ. ނަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ޖައްސާ ވައިރަހާ ޕެންގޮލިން ފެނުނު ވައިރަހާ ކޮންމެވެސް ވަރެއްގެ ފަރަގެއް އުޅޭ ކަމަށާ، ފަހަރުގައި މި ވައިރަސް އިންސާނުންނާ ހިސާބަށް އައީ ސީދާ ޕެންގޮލިންއާއި ހިސާބުން ނޫންކަމަށް ވެދާނެ ކަމަށްވެސް މި ދިރާސާ ކުރި ޓީމުން އެކުލަވާލި ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓްއެއް ހިމެނޭ ސަރަހައްދަކަމުންނެވެ. ނަމަވެސް ވައިރަހުގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދާ ޖެހުނުއިރުވެސް ކަށަވަރު ވެފައެއް ނުވެއެވެ.