ފޯބްޒް މަޖައްލާއިން އެކުލަވާލާ ބިލިއަނަރުންގެ ލިސްޓުން، ރިއާލިޓީ ޓީވީ ތަރި އަދި ޒުވާން ވިޔަފާރިވެރިޔާ ކައިލީގެ ޖެނާގެ ނަން އުނިކޮށް، އޭނާގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފިއެވެ.

މަޖައްލާގެ ބިލިއަނަރުންގެ ލިސްޓުން ކައިލީ ޖެނާގެ ނަން އުނިކޮށްފައިވަނީ، އޭނާގެ ކޮސްމެޓިކްސް ވިޔަފާރީގެ ހަގީގީ އަގާ ގުޅޭ ގޮތުން ކައިލީގެ އާއިލާއިން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ނުވާ ވަރުން ވިޔަފާރީގެ އަގު އުފުލާފައިވާތީ ކަމަށް ފޯބްޒްއިން ވަނީ ބުނެފައެވެ.

ކައިލީ ވަނީ ފޯބްޒްގެ މި ތުހުމަތުތަކަށް އިންކާރުކޮށް، ސޯޝަލް މީޑިއާއަށް ޓްވީޓްތަކެއް ދޫކޮށްފައެވެ. އެގޮތުން ފޯބްޒްގެ ބަޔާނުގައި ވަނީ ދޮގު ވާހަކަތަކެއް ކަމަށާ، އޭގައިވާ ވާހަކަތަކަކީ ސާބިތުކޮށްދެވޭނެ ވާހަކަތަކެއް ނޫންކަމަށްވެސް ކައިލީ ވަނީ ބުނެފައެވެ.

އެއްވެސް މަގާމެއް ހޯދަން އެދިފައި ނުވާނެ ކަމަށާ، އެ މަގާމެއް ހޯދުމަށް ދޮގުތަކެއްވެސް ހަދާފައި ނުވާނެ ކަމަށާ، އޭނާ އަތުގައި މިވަގުތު ހުރީ ކިހާ އަދަދެއްގެ ފައިސާއެއްތޯ ބެލުމަށްވުރެ ކުރަން މުހިންމު އިތުރު 100 ކަމެއްގެ ލިސްޓެއް ދެވިދާނެ ކަމަށްވެސް ކައިލީ ވަނީ ބުނެފައެވެ.

އަމިއްލަ މަސައްކަތުން ބިލިއަނަރުންނަށްވި ޒުވާނެއްގެ ގޮތުގައި ފޯބްޒްއިން ކައިލީ ފާހަގަކުރީ ނިމިދިޔަ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ. އެއީ ރިއާލިޓީ ޝޯއެއްގެ ގޮތުގައި ގެނެސްދޭ ކާޑޭޝަން އާއިލާގެ ތެރެއިން އޭނާއަށް ލިބުނު މަގުބޫލުކަމުގެ ސަބަބުން ލިބުނު ކާމިޔާބީ ތަކެއްކަމަށް ބުނެ، ގިނަ ބަޔަކު ދިޔައީ ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.

އޭރު ފޯބްޒް މަޖައްލާއިން ކައިލީއަށް ޝަރަފު ދިނީ 2015 ވަނަ އަހަރު އޭނާ އުފެއްދި ކައިލީ ކޮސްމެޓިކްސް އަދި ކައިލީ ސްކިން ވިޔަފާރީގެ ކާމިޔާބީ ފާހަގަކޮށެވެ.

ނަމަވެސް މިހާރު ފޯބްޒް މަޖައްލާއިން ބުނާ ގޮތުގައި ކައިލީގެ މިލްކިއްޔާތުގެ އަގު އުޅެނީ 900 މިލިއަން ޑޮލަރަށްވުރެ ދަށުގައެވެ.