ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ދީފައިވާ ރައުޔަކީ "ތުން މެޓައެއް" ކަހަލަ ރައުޔެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމާބެހޭ ބިލަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، އެއީ ތުން މެޓައެއް ކަހަލަ، ހުރިހާ ފަރާތެއްވެސް ރުއްސާލަން ދެވޭ ރަނގަޅު، އަދި ފަރުވާއެއް ލިބޭ ކަހަލަ ރައުޔެއް ކަމަށެވެ. އޭނާ މިހެން ވިދާޅުވީ، މި ބިލުގެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ މުޅި މަޖިލީހުގެ ކޮމިޓީގައެވެ.

އާދަމް ޝަރީފް ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން އަބަދުވެސް ވާހަކަ ދައްކަވަމުން ގެންދެވީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށެވެ. އޭނާ ވަނީ އެ މަގު އިހްތިޔާރު ކޮށްގެން މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފާ ހޯދީމައި އެކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތުން ފިލާވަޅެއް ލިބިވަޑައިގެންނެވި ކަމަށާއި، އެއީ އިންސާނުން އެހާ ފުރިހަމަ ނޫން ކަމަށާއި، ގިނަ ބަޔަކު ބައިވެރިކޮށްގެން ހޯދޭ ފަރުވާގެ ފުރިހަމަކަން ބޮޑުކަން ކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ 80 ވަނަ މާއްދާގައި ބުނާގޮތުން މިހާރު ތިބި މެންބަރުންނަށް ވެސް ތިބެވޭނެ ގޮތަކަށް އިސްލާހެއް ގެންނަން މަގުފަހިވާ ކަމަށެވެ. އަދި ބާބެއް އިތުރުކުރާނަމަ އިތުރު ކުރަން ޖެހޭނީ ޑިމޮކްރެޓިކް ހަމަތަކަށް ރަނގަޅަށް ފެތޭނެހެން، އަބަދާ އަބަދު ގާނޫނު އަސާސީއަށް ބަދަލު ގެންނަން ނުޖެހޭނެ ގޮތަކަށެވެ.

ސުޕްރީމް ކޯޓުން ދިނީ ހުރިހާ ފަރާތެއްވެސް ރުއްސާލަން ދެވޭ ކަހަލަ ރަނގަޅު، އަދި ފަރުވާއެއް ލިބޭ ކަހަލަ ރައުޔެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، ސުޕްރީމްކޯޓުން ދިނީ ދެމިއަ އެޅި ކަނޑިއެއް ކަމަށެވެ. އަދި ދެ ފެކްޝަނަށް ވެސް ވަރަށް ރަނގަޅަށް ފަހިވާ ކަހަލަ ގޮތަކަށް ދީފައިވާ ރައުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް / ފައިލް ފޮޓޯ

އާދަމް ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ހިޔާލު ތަފާތު ވީމައި އެކަމަށް ޒުވާބު ކުރާ ބައެއް ކަމަށް ވިޔަސް، މަސައްކަތް ކުރަނީ އެއް މަގްސަދެއް ހާސިލު ކުރުމަށްޓަކައި ކަމަށެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ، ކައުންސިލަރުންގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި ސުޕްރީމްކޯޓުގެ ލަފައަކަށް އެދުމުގެ ކުރިން އެމްޑީޕީ ބައެއް މެންބަރުންގެ ހިޔާލު ތަފާތު ވެފައި ވުމާ ގުޅިގެންނެވެ. އެގޮތުން ބައެއް މެންބަރުން ވަނީ އެމްޑީޕީން ވިޕްލައިނެއް ނެރެފައި ވަނިކޮށް، އެއާ ހިލާފުވެ ވަޑައިގެންފައެވެ.