18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ، ސައުތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި ވ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގޭގައި ހުއްޓާ އޭނާއަށް ގޮވައިގެން ގެއިން ބޭރަށް ނެރެގެން ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި ކަން ހިނގާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށާއި އަދި މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަަމަށް އެފަރާތުން ބުނެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަށް މައްސަލަތަކަކަށް ވާތީ އެ މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެ ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާ ކަަމަށް ފުލުހުން ބުނެއެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު ދާދި ފަހުން އުމުރުން ދޮށީ ތިން އަންހެނުންނާ ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އަދި މިކަން ކޯށްފައިވަނީ އެކަކު ކަމަށާއި އެއީ 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.