އެމީހަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައިވާ މީހެއްތޯ ބެލުމަށް ހަދާ އެންޓިބޮޑީ ޓެސްޓުތަކަކީ ދެފަހަރުން އެއް ފަހަރު ކަހަލަ ގޮތަކަށް ގޯސް ނަތީޖާތަކެއް ދައްކާ ޓެސްޓުތަކެއް ކަމަށް އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން އެންމެ ފަހުން އާންމު ކުރި އާ ގައިޑްލައިން ބުނެފިއެވެ.

އެންޓިބޮޑީ ޓެސްޓު ނުވަތަ ސިރޯލޮޖީ ޓެސްޓުތަކަކީ އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު އެ އިންފެކްޝަންއަކާ ކުރިމަތިލާފައިވޭތޯ ބެލުމަށް ހަދާ ޓެސްޓުތަކެކެވެ.

ސީޑީސީއިން ބުނީ ބައެއް މީހުންނަކީ ބައްޔަށް އިންފެކްޓްވާ ފުރަތަމަ ހަފުތާގެ ތެރޭގައިވެސް އެމީހުންގެ ހަށިގަނޑުން އެންޓިބޮޑީޒް ފެންނަ މީހުންކަމަށެވެ. ނަމަވެސް މި ޓެސްޓުތަކަކީ މުހިންމު ސިޔާސަތުތައް އެކުލަވާލާ، އެ ފަދަ ނިންމުންތައް ނިންމަން އެންމެ ސައްހަ ނުވަތަ އެކިއުރޭޓް ޓެސްޓުތަކެއް ނޫންކަމަށްވެސް ސީޑީސީއިން ވަނީ ބުނެފައެވެ.

ޖަމާއަތް ހަދައިގެން އެއްވެ އުޅުމާ، ސްކޫލްތަކާ ޑޯމްތަކަށް ދިއުމާ، ކަރެކްޝަނަލް ފެސިލިޓީތަކަށް މީހުން ގެންދިއުމާ، ވަޒީފާގެ އަމަލީ މައިދާނަށް ނިކުތުން ފަދަ ކަންކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި ސިރޯލޮޖީ ޓެސްޓުތަކަކަށް ބަރޯސާވެގެން ނުވާނެ ކަމަށްވެސް ސީޑިސީގެ އިރުޝާދުގައިވެއެވެ.

ސީޑީސީގެ އިރުޝާދު ބުނާ ގޮތުގައި އެންޓިބޯޑީޒް ހުރިތޯ ބަލަން ޓެސްޓު ކުރަން ބޭނުން ކުރަންވާނީ އެންމެ ސައްހަކަން ބޮޑު ޓެސްޓްއެކެވެ. އަދި ބައެއް ހާލަތުގައި އެކެއްގެ ހަށިގަނޑުގައި ތަކުރާރުކޮށް ޓެސްޓު ހެދުމަށްވެސް ސީޑީސީއިންވަނީ އިރުޝާދު ދީފައެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައިވެސް ސިރޮލޮޖީ ޓެސްޓު ހަދައެވެ.