މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި 6.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު އެ އަދަދަކީ މިދިޔަ އަހަރު ލިބުނު އަދަދާ ބަލާއިރު 1 މިލިއަން ރުފިޔާ އިތުރު އަދަދަކަށް ވާއިރު ބޮލަކަށް ދިނީ 3800 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖޭގައި ޒަކާތުގެ ފައިސާ ނެގުމާއި ބެހުމުގެ އިންތިޒާމްތައް އޮންލައިންކޮށް ހަމަޖެއްސުމުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އުރީދޫ އަދި ދިރާގު މެދުވެރިކޮށް މިދިޔަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް މާލެސިޓީން 156،740 މީހުން ޒަކާތް ދައްކާފައިވާ ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 6،649،697 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނާއިރު، މިއީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ. މިިދިޔަ އަހަރު 5.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު މި އަހަރު ލިފިފައިވަނީ 1 މިލިއަން އިތުރުކޮށެވެ. 2018 ވަނަ އަހަރު 4.45 މިލިއަން ރުފިޔާ އަދި 2017 ވަނަ އަހަރު 4.48 މިލިއަން ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ވަނީ ލިބިފައެވެ.

ފަގީރުންގެ ގޮތުގައި މިއަހަރު ތިބީ 1،715 މީހުން ކަމަށާއި އެމީހުންގެ ތެރެއިން 1،697 މީހުންގެ އެކައުންޓަށް ފައިސާ ޖަމާކޮށް ފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ބާކީ ތިބި 76 މީހުންނަށް ފައިސާ ހަވާލުކުރީ މިނިސްޓްރީ އަށް އެމީހުން ގެންގޮސްގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަގީރުންގެ ގޮތުގައި ރަޖިސްޓާ ކޮށްފައިވާ މީހުންގެ މައްޗަށް ބަހާލުމުން ބޮލަކަށް ޖެހިފައިވަނީ 3،800 ރުފިޔާއެވެ.

މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ލިބި ފަގީރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ 1020 މީހުންނަށް ފައިސާ ބަހާފައިވަނީ ކޮންމެ މީހަކަށް 5،000 ރުފިޔާގެ މަގުންނެވެ. 2018 ވަނަ އަހަރު ޒަކާތުގެ ގޮތުގައި 4.45 މިލިއަން ރުފިޔާ ލިބި ފަގީރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ 3302 މީހުންނަށް ފައިސާ ބަހާފައިވަނީ ކޮންމެ މީހަކަށް 1،300 ރުފިޔާގެ މަގުންނެވެ. 2017 ވަނަ އަހަރު ޒަކާތުގެ ގޮތުގައި 4.48 މިލިއަން ރުފިޔާ ލިބި ފަގީރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ 3179 މީހުންނަށް ފައިސާ ބަހާފައިވަނީ ކޮންމެ މީހަކަށް 1،250 ރުފިޔާގެ މަގުންނެވެ.

ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފިތުރު ޒަކާތުގެ ފައިސާއިން 201،097 ރުފިޔާ ހަވާލުކޮށްފައިވާ އެ މިނިސްޓްރީން ބުނެއެވެ. މިދިޔަ އަހަރު މިތަންތަނަށް ޒަކާތު ފައިސާއިން ދީފައި ވަނީ 651,268 ރުފިޔާއެވެ. އަދި 2018 ގައި 670,108 އަދި 2017 ގައި 952,804 ޒަކާތު ފައިސާއިން މިތަންތަނަށް ދީފައި ވެއެވެ.