ދުނިޔޭގެ އެންމެ ބޮޑު ފިލްމީ ސިނާއަތް ކަމަށްވާ ބޮލީވުޑްގައި ސޯނޫ ސޫދްއަކީ އެންމެ ނުބައިބައި ވިލަންގެ ރޯލުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކުޅަދާނަ ބަތޮލެކެވެ. ނަމަވެސް މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން އާންމު ދިރިއުޅުމަށް ކުރިމަތިވެފައިވާ ވަރުގަދަ ކޮޅިގަނޑުގައި ސޯނޫ ސޫދްއަކީ ބަތޮލެއް ކަމަށް އިއްތިފާގުވާ މީހުންގެ އަދަދުވެސް ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.
2010 ވަނަ އަހަރު ސުޕްހިޓްގައި އޭނާ އަދާކުރި ވިލަންގެ ރޯލުން ފަހްރުވެރި އެވޯޑްތަކެއްވެސް ހާސިލުކޮށްފައިވާ ސޯނޫ ސޫދްއަކީ ބޮލީވުޑްގެ ބޮޑެތި ތަރިން ކަމަށްވާ ސަލްމާން ހާން، ޝާހް ރުކް ހާން، ރިތިކް ރޯޝަން އަދި އައިޝްވާރިޔާ ރާއީ ފަދަ ތަރިންނާއެކު މަސައްކަތްކޮށްފައިވާ ފަންނުވެރިއެކެވެ.
ކޮވިޑް-19އާއިއެކު އަވަށްޓެރި އިންޑިއާއިން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހުނު ބަޔަކީ އަމިއްލަ ވަޒަން ދޫކޮށް، ބޮޑެތި ސިޓީތަކުގައި ތިބި ހިޖުރަވެރި މަސައްކަތްތެރިންނެވެ. ވަޒީފާ ގެއްލި، ހިޔާވަހިކަމެއް ނެތި ހާލުގައި ޖެހުނު މީހުންގެ އަދަދު މިލިއަނުން ގުނާލެވޭއިރު، އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް އަދި ފިލްމް ސިޓީ މުމްބާއީގައި ހާލުގައި ޖެހުނު މަސައްކަތްތެރިންނަށް އެހީގެ އަތެއް ދިއްކޮށްލި 'ސުޕާހީރޯ'އަކީ ސޯނޫ ސޫދުއެވެ.
"ފައިމަގުގައި އެތައް ސަތޭކަ ކިލޯމީޓަރެއް ކަޑަތު ކުރަމުންދާ މަންޒަރުތައް ފެނި ހިތަށް ކެތެއް ނުވި. ނުވެސް ނިދި އެތައް ރެއެއް ހޭދަކުރިން" އެހީގެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ސޯނޫ ސޫދު ބުންޏެވެ.
ފާއިތުވީ 2 މަހެއްހާ ދުވަހަށް ބަލާއިރު ސޯނޫ އާއި އޭނާގެ ކުޑައިރުގެ ރަހުމަތްތެރިޔާ ނިޓި ގޯއެލް މަސައްކަތްކޮށްފައިވަނީ ލޮކްޑައުންގެ ސަބަބުން ނޭދެވޭ އަސަރު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައެވެ.
"މަސައްކަތް ފެށީ މާޗް މަހު. ފުރަތަމަ ފެށީ ކާބޯތަކެތި ބަހަން. އެންމެ ފުރަތަމަ ބެހީ 500 ޕެކެޓް. އޭގައި ހުންނާނީ ކައްކާފަ ހުރި ކޭމާ، ފިހާރައިން ގަނެފައިވާ ބައެއް ކަހަލަ އެއްޗިހި. މިއަދު އެހީ ދެމުން މިދަނީ ދުވާލަކު 45000 އެއްހާ މީހުންނަށް. މި މީހުންނަކީ ފަގީރު ހިސާބުތަކުގައި ދިރިއުޅޭ މީހުން. މިމީހުންނަކީ މަގުތަކުގައި ބިކަވެފައިވާ މީހުން. މީގެ ތެރޭގައި ހައިވޭތަކުގައި ފައިމަގުގައި ހިނގާފައި ދުރު ރާސްތާތަކަށް ދާމީހުންވެސް އެބަތިބި" ސޯނޫ ސޫދް ތަފްސީލުކޮށްދިނެވެ.
މިހާ ހިސާބުން އަދި ނިމުނީކީ ނޫނެވެ. މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އޭނާ ވަނީ ހާލުގައި ޖެހިފައިވާ ހިޖުރަވެރި މަސައްކަތްތެރިންނަށް އަމިއްލަ ވަޒަނަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ބަސް ދަތުރުތައް ހަމަޖައްސާދެމުންނެވެ. މިފަދަ އެތައް ސަތޭކަ ދަތުރެއް ހަމަޖައްސާދީފިއެވެ.
"ފުރަތަމަ ބެޗުގައި ފޮނުވާލީ 200 އެއްހާ މީހުން. އެމީހުންގެ މޫނުމަތިން ފެންނަމުންދިޔައީ ހިނިތުންވުން. އުފަލުގެ ކަރުނަވެސް ފެނުނު" ސޯނޫ ސޫދްކިޔައިދިނެވެ.
މިއަދު އޭނާގެ ފޯނާ އީމެއިލްއަށް އެތައް ސަތޭކަ މެސެޖެއް އާދެއެވެ. ހައްތަހާވެސް އެހީއަށް އެދި ކުރާ އާދެހުގެ މެސެޖުތަކެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް އެތައް ހާސް ބަޔަކު ދަނީ ސޯނު ސޫދްގެ ކިބައިން އެހީއަށް އެދެމުންނެވެ.
ސޯނޫ ސޫދްހުރީ ފައިމަގުގައި ހިނގާފައި އަމިއްލަ ވަޒަނަށް ދާން ޖެހޭ އެންމެ ފަހު މީހާއަށް ދުވާ އެއްޗެއް ހަމަޖެހެންދެންވެސް މިމަސައްކަތުގައި ދެމި ހުންނަ ގޮތަށެވެ.
ސޯނޫ ސޫދްގެ ދީލަތިކަން ފެނި، ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފުވެސް ކުރަމުންނެވެ. އެގޮތުން މަޝްހޫރު ސެލެބްރިޓީ ޝެފް ވިކާސް ކަންނާ ވަނީ ސޯނޫ ސޫދްއަށް ޝަރަފެއް ދިނުމުގެ ގޮތުން، އޭނާގެ އުފަން ފަސްގަނޑުގެ ނަމުން ހާއްސަ ޑިޝްއަކަށް ނަންވެސް ދީފައެވެ. މީގެ އިތުރުން އޭނާގެ ފޭނުންދަނީ ބަތޮލެއްގެ ގޮތުގައި ސޯނޫ ސޫދް ސިފަވާ ފަދަ ކުރެހުންތަކާ ކާޓުންތަކުން ސޯޝަލް މީޑިއާ ފީޑްތައް ފުރާލަމުންނެވެ.