ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސް ސޯލިހް ފޮނުއްވި ހިތާބުގައި ވިދާޅުވީ "ކޮވިޑް-19"ގެ ސަބަބުން، އިޖްތިމާއީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައިވާ ކަމަށެވެ. އެހެންކަމުން އީދު ދުވަހަކީ މުވާސަލާތީ ވަސީލަތްތަކުގެ އެހީގައި، އެ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ހާއްސަ ސަމާލުކަމެއް ދެއްވާ ދުވަހެއް ކަމުގައި ހެއްދެވުމަށް، އެމަނިކުފާނު އިލްތިމާސްކުރެއްވެވިއެވެ.

ރައީސް ސޯލިހް ވަނީ އެކުގައި ދިރިއުޅޭ މީހުންނާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅުއްވާ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއެކު ވެސް، މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ވަގުތުކޮޅެއް ހޭދަކޮށްލައި، ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމަކީ، މިއަދާ ވަރަށް މުނާސަބު ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހްގެ ހިތާބުގައި، "ކޮވިޑް-19"ގެ ސަބަބުން، ތަފާތު ނިކަމެތި ހާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖްތަމައުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި، އެފަދަ މީހުންނަށް އެހީތެރިވުމަކީ، މި އުފާވެރި ފިތުރު އީދުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމަ އެއާއެކު ގޭތެރޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅުގައި، މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގެންނެވުމަށާއި، އާއިލާގެ ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު، ހޭހަންކުރުމަށާއި، އުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު ހިދުމަތްކޮށްދިނުމުގެ ރޫހު އާލާކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ގެއިން ބޭރަށް ނުނިކުމެ ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން، ކުރިމަތިވާ ނަފްސާނީ އުނދަގޫތައް ލުއިކުރުމަށްޓަކައި، އާއިލާގެ މެންބަރުން އެކުގައި، ފައިދާހުރި ވަގުތުތަކެއް ހޭދަކުރާނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް ވަރަށް މުހިންމު ކަމެއްކަމުގައި އެމަނުކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ހިތާބު ނިންމަވާލައްވަމުން، އެމަނިކުފާނު ވިދާޅުވީ ފިތުރު އީދު ބައްދަލުކުރީ، ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިގްތިސޯދުކުރުމަށް ނަފްސުތައް ތަރުބިއްޔަތުކޮށްދިން މޫސުމަކަށް ފަހުގައިކަމަށެވެ އެހެންކަމުން މިއީ ގައުމުގެ އިގްތިސޯދު ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމުން، ރަމަޟާން މަހުން ހާސިލުވި މި ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ގައުމު މިހާރު ތަހައްމަލު ކުރަމުންދާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމުގައި އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެބާރުލުންކަމުގައި ފާހަގަކުރައްވާފައެވެ.