ސިޔާސީ ގޮތުން ހިޔާލު ތަފާތުވާއިރަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)އޭ ކިޔާ "ފަށައިގަތަސް ބިރެއް ނުގަންނާނެ" ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ހުށަހެޅުއްވީ އޭނާ ކަމަށެވެ. އަދި އޭނާ އެމްއެމްޕީއާރްސީން ކުރައްވައިފައިވާ ވައްކަމެއް ނޯންނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މިހާރުވެސް އެދިވަޑައިގަންނަވަނީ އެމްއެމްޕީއާރްސީގެ މައްސަލަ އަވަހަށް ބަލާ ނިންމުމަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އެމްއެމްޕީއާރްސީއޭ ކިޔާ "ފަށައިގަތަސް ބިރެއް ނުގަންނާނެ" ކަމަށެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި ވާއިރު، އެމްއެމްޕީއާރްސީ ހިޔާނާތުގައި އޭނާ ވެސް ހިމެނޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް ވަނީ އެފަދަ ތުހުމަތުތަކެއް ކުރައްވާފައެވެ. ޖާބިރު ވަނީ ރޮޒައިނާ އެމްއެމްޕީއާރުސީން ވައްކަން ކުރައްވައިގެން ގެސްޓް ހައުސްތައް އަޅުއްވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އޭނާއަށް ކޮށްފައިވާ ވައްކަމުގެ ތުހުމަތުތައް ދޮގު ކުރައްވަމުން ރޮޒައިނާ ވަނީ އޭނާއަށް ވަގަށް ގޮވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، އޭނާއާ ގުޅޭގޮތުން ތަހުގީގެއް ހިންގާނެ ޖާގަ އެއްވެސް ނޯންނާނެ ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. އަދި މި މައްސަލާގައި ހުކުމް ތަންފީޒު ކުރެއްވުމަށް ޖަލުގައި ހުންނެވީ ހަމައެކަނި ރައީސް ޔާމީނެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގައި 335 މީހަކު ހިމެނި، އޭގެ ތެރޭގައި މިހާރުގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭއިރު އެ މައްސަލަ ކުރިއަށް ނުދާތީ އެކަމާ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ލިބިގެން ދިޔަ މާބޮޑު އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ 30 މައްސަލައެއް ކޯޓުގައި އޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަތަކުން ދައުލަތަށް 600 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.