ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވާނެ ވެކްސިންއެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޗައިނާއިން ފުރަތަމަ ފަހަރަށް ތަހުލީލު ކުރި ވެކްސިންގެ ދިރާސާ ރިޕޯޓް އާންމު ކޮށްފައި ވާއިރު، އެމެރިކާގެ ތަޖުރިބާކާރުން އެ މަސައްކަތަށް ފާޑުކިޔައިފިއެވެ.

ސިއްހީ ލިޔުންތައް ޝާއިއު ކުރަމުން އަންނަ ދަ ލޭންސެޓްގައި އާންމު ކޮށްފައިވާ ޗައިނާގެ ދިރާސާ ބުނާ ގޮތުގައި، އެ ވެކްސިންއަކީ އަލަށް ފެނުނު ކޮރޯނާވައިރަހާ ދެކޮޅަށް ކާމިޔާބު ދިފާއީ އިޖާބައެއް ދޭ ވެކްސިންއެކެވެ. ނަމަވެސް، މި ދިރާސާއަށް ފާޑުކިޔަމުން އެމެރިކާގެ ތަޖުރިބާކާރުން ބުނަމުން ދަނީ މި ދިރާސާގައިވާ މައުލޫމާތަކީ "ވަޅޯ، ތާފަނާ" މައުލޫމާތުތަކެއް ކަމަށެވެ.

ޗައިނާގެ ވެރިރަށް ބެއިޖީންގްގެ ލެބެއްގައި ކޮވިޑް-19އަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރަނީ/ފޮޓޯ: ނިކޮލައި އަސްފޫރީ

ދަ ލޭންސެޓްގައި ޗައިނާއިން އާންމުކުރި ވެކްސިންގެ ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19ގެ ގްރައުންޑް ޒީރޯ ކަމުގައި ބަލާ ވޫހާން ސީޓީގައެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ކޭންސީނޯ ބައޮލޮޖިކަލް އިންކް އަދި ބެއިޖީންގް އިންސްޓިޓިއުޓް އޮފް ބައޮޓެކްނޮލޮޖީ ގުޅިގެންނެވެ. މި ދިރާސާގައި ބައިވެރި ކޮށްފައި ވަނީ އުމުރުން 18-60 އަހަރުގެ ދެމެދު އުމުރުފުރާގެ، ދުޅަހެޔޮ، 108 މީހުންނެވެ.

މި އެންމެނަށްވެސް ދީފައިވަނީ ވެކްސިންގެ 3 ގިންތިއެކެވެ. އެއީ، ލޯ، މިޑް އަދި ހައި ޑޯޒްއެވެ. މިއިން އެއްވެސް މީހެއްގެ ފަރާތުން "ސީރިއަސް" ސައިޑްއިފެކްޓްއެއް ފެނިފައި ނުވާކަމަށްވެސް ދިރާސާ ޓީމުންވަނީ ބުނެފައެވެ.

ކަންމިހެން އޮތް ނަމަވެސް، ވެކްސިންގެ ސައިޑްއިފެކްޓްތަކެއް ހުއްޓެވެ. އެގޮތުން ދެބައިކުޅަ އެއްބައި ބައިވެރިން ހުން އައެވެ. 44 ޕަސެންޓް ބައިވެރިން ވަނީ އާދަޔާ ހިލާފަށް ވަރުބަލިވި ކަމުގެ ޝަކުވާ ކޮށްފައެވެ. އަދި 39 ޕަސެންޓް މީހުން ވަނީ ބޮލުގައި ރިހުމެއް ހުރި ކަމަށްވެސް ބުނެފައެވެ. ސީރިއަސް ސައިޑްއިފެކްޓްތަކެއް ރިޕޯޓްކުރީ އެންމެ 9 ޕަސެންޓް ބައިވެރިންނެވެ.

އެމެރިކާގެ ފިލަޑެލްފިއާގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގެ ވެކްސިން އެޑިއުކޭޝަން ސެންޓަރުގެ ޑައިރެކްޓަރެއް ކަމަށްވާ ޑރ ޕޯލް އޯފިޓް ވިދާޅުވީ، މި ނިޝާންތަކަކީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ބަލާއިރު ބުރަވެވޭނެ ނިޝާންތަކެއް ނޫންކަމަށެވެ. އަދި ވެކްސިންގެ ސަބަބުން ދިފާއީ ނިޒާމަށް އާދަޔާ ހިލާފު ބާރެއް ލިބުނުކަން ދިރާސާއިން ސާބިތު ނުކޮށްދޭ ކަމަށާ، ވެކްސިން އެންމެ ދަށް ޑޯޒްކަމަށް ބަޔާން ކޮށްފައިވާ މިންވަރަކީވެސް ނިސްބަތުން ވަރަށް މަތީ މިންވަރެއް ކަމަށްވެސް ޑރ އޯފިޓް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އަށް ވެކްސިންއެއް ތަރައްގީ ކުރުމުގެ މަސައްކަތް ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ ރެކޯޑް ހަލުވި މިނެއްގައި ކުރަމުންނެވެ. މި ބައްޔަށް ވެކްސިންއެއް ލިބުމަށް 18 ވަރަކަށް ދުވަސް ހޭދަވެދާނެ ކަމުގެ އިންޒާރު، ކަމާ ބެހޭ ތަޖުރިބާކާރުން ވަނީ ދީފައެވެ.