ބަރަކާތްތެރި "އީދުލް ފިތުރި" އަކީ އެންމެހާ މުސްލިމުންނަށް މާތްވެގެންވާ މައްސަރަކަށް ފަހު އަންނަ އުފާވެރި ވަގުތު ކޮޅެކެވެ. މާތްވެގެންވާ ރަމަޟާން މަހަށް ފަހު އަންނަ މި ދުވަހުގެ މަތިވެރިކަން އިސްލާމް ދީނުގައިވެސް ހާއްސަ ކޮށްފައިވެއެވެ. މި ދުވަހުގެ ހާއްސަ ކަމާއެކު އީދު ފާހަގަ ކުރުމަކީ ކޮންމެ މުސްލިމަކުވެސް ބޭނުންވާ ކަމަކަށް ވާއިރު، މިއަހަރުގެ ފިތުރު އީދު އައިސް މި ބައްދަލު ކުރީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއެކުއެވެ.
ދިވެހިންނަކީ ފިތުރު އީދާއި އަޞުހާ އީދުވެސް ކުލަ ގަދަކޮށް ފާހަގަ ކުރަމުންދާ ބަޔަކަށް ވާއިރު، މި އަހަރުގެ އީދު ފާހަގަ ކުރާނެ ގޮތް މި ވަނީ މުޅިން ބަދަލުވެފައެވެ. ބޭރުގައި ރައްޓެހިންނާއެކު ކުރަމުން އައި މަޖަލާއި ޖެހި ސަކަރާތް ގެއަށް ބަދަލު ކުރަން މަޖުބޫރު ވެފައެވެ. އާއިލާ އާ އެކު ގޭގައި ވަގުތު ހޭދަ ކުރަން ޖެހިފައެވެ. ނަމަވެސް މިއީ ތަފާތު އީދެއް ކަމަށް ބަލާ، ތަފާތު ތަޖުރިބާ އެއް ކަމަށް ބަލާ، ތަފާތު ގޮތަކަށް ބަދަލު ކޮށްލެވިދާނެއެވެ. ބޭރުގައި ރައްޓެހިންނާއެކު ހޭދަކުރި އުފާވެރި ވަގުތު ތަކާއެކު އާއިލާ ބައިވެރިކޮށް، ގޭގައި އުފާވެރި އީދެއް ނިންމާލެވިދާނެއެވެ.
މިފަހަރު ލޮކްޑައުންގައި ހުރެ އީދު ހާއްސަ އީދަކަށް ހަދަން ބޭނުންނަމަ ކުރެވިދާނެ އެތަށް ކަމެއް އެބަހުއްޓެވެ. އީދު ފެށެނީ އީދު ދުވަހަކު ނޫނެވެ. އީދު ވިލޭރޭއިންނެވެ. އީދު ވިލޭރެއަކީ ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތުގައި ދުއާ އިޖާބަ ކުރައްވާނެ ފަސް ރޭގެ ތެރެއިން އެއް ރެއެވެ. ރަމަޟާން މަހުގެ މަތިވެރި އަޅުކަމުގެ ވަގުތަށް ފަހު ކުރި އަޅުކަމާއި ދުއާ އިޖާބަ ކުރައްވާނެ ކަމަށް ރަސޫލާގެ ސުންނަތުން ސާބިތުވާ އިރު، މިރެއަކީ އަޅުކަމަށް ހާއްސަ ރެއަކަށް ހަދަން ޖެހެއެވެ. ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހިފާށެވެ.
މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު އާއިލާގެ މެންބަރުންނާއެކު ވަގުތު ހޭދަ ކުރުމަށް ލިބުނު ފުރުސަތަކަށްވާ ނަމަވެސް މި އީދުގައި އެމީހުންނާއެކު ނުވެދާނެއެވެ. ނަމަވެސް މި އީދު ވިލޭރެއަކީ އަހަރެމެން ދޫކޮށް ގޮސްފައިވާ ފަރާތްތަކަށް ދުއާ ކުރުމަށް ރަނގަޅު ވަގުތަކަށް ވާނެއެވެ. އަހަރެމެންނާއެކު ނުވި ނަމަވެސް އެމީހުންށް ހެޔޮ ދުއާ ކޮށްދިނުމަކީ އަހަރެމެންގެ ވާޖިބަކަށް ވާތީއެވެ.
މި އަހަރުގެ އީދު ނަމާދު މިސްކިތުގައި ނުކުރެވުނު ނަމަވެސް އައިލާ އާއި އެކު ގޭގައި ޖަމާއަތުގައި ނަމާދު ކުރާށެވެ. ނަމާދު ކުރުމަށް އީދު ނަމާދަށް ދާން ހިނައިގަތުމާއި ހުވަނދުލާ އަތުގައި އޮތް ރީތި ހެދުމެއް ލާށެވެ. އީދު ނަމާދަށް ދިއުމުގެ ކުރިން ކަދުރު ކެއުމަކީ ސުންނަތެކެވެ. މިހާ ދުވަހު ނުކޮށްހުރި ކަންކަން ކުރުމުންވެސް އަމިއްލަ ނަފަސަށް ތަފާތުކަން އިހުސާސް ވާނެއެވެ.
ނަމާދު ނިމުމުން އާއިލާގެ ގޭގެއަށް ޒިޔާރަތް ނުކުރެވޭ ނަމަވެސް މިފަދަ ވަގުތެއްގައި ކުރަން އެންމެ ރަނގަޅު ކަމަކަށް ވާނީ އާއިލާތަކާ އެކު ވީޑިއޯކޯލް މެދުވެރިކޮށް ގުޅާލާ ވާހަކަ ދައްކާލުމެވެ. އާއިލީ ގުޅުމަކީ އެހާމެ މާތް އަދި މުހިއްމު ގުޅުމެކެވެ. އާއިލީ ގުޅުން ކަނޑައިފި މީހާ ސުވަރުގެ ނުވަންނާނެކަމަށް އަންގަވާފައި އޮތުމުންވެސް މިގުޅުމުގެ މަތިވެރިކަން ހާމަވެގެން ދެއެވެ. މުވާސަލާތުގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި ގުޅުން ދެމެހެއްޓުމަކީ މާއުނދަގޫ ކަމެއްނޫނެވެ. އެއް އުހްތެއް އަނެކާއާ ދޭތެރޭ އޮންނަންވާ އެއްބަނޑު އެއްބަފާވަންތަ ކަމުގެ ގުޅުން ހީނަރުވިޔަ ނުދީ، ކެނޑިފައިވާ ގުޅުންތަށް އަލުން ގުޅުވުމަށްވެސް މިއަދު މިއޮތީ އިތުރު ފުރުސަތެއް ލިބިފައެވެ.
ވޭތުވެ ދިޔަ ދުވަސްތަކަކީ ފަސޭހަ ދުވަސްތަކަކަށް ނުވާ އިރު، ރަށުން ބޭރުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް "އީދު މުބާރިކް" ޖަހާލާ މެސެޖެއް ކުރުމަށްވުރެ ގުޅާލުމުން ލިބިގެންދާ ހިތްހަމަޖެހުން ބޮޑުވެގެން ދާނެއެވެ. ހާލު އަހާލާ ރޯދަމަހު ކުރި ކަންތަށްތަށްތަކާއި ވީ މަޖާ ކަންތަށްތަށް އެކަކު އަނެކަކަށް ހިއްސާ ކޮށްލުމަށް މިއަށްވުރެ ވަކި ރަނގަޅު ވަގުތެއް ނާންނާނެއެވެ.
މެންދުރު ނަމާދަށްފަހު އީދު ދުވަހުގެ ކެއުމަކީ ތަފާތު ކެއުމެކެވެ. އާއިލާގެ ހުރިހާ މެންބަރުން އެއްވެ، އެއް ގެ އަކަށް ޖަމާވާ ބޮޑު ދުވަހެވެ. ނަމަވެސް ހާލަތު ވަނީ ބަދަލު ވެފައެވެ. އާއިލާ އެއްމެން އެއް މޭޒުދޮށަށް ކާން ނާދެވި ސުފުރާމަތި އާދައިގެ ދުވަސްތަކުގައި ހުންނަގޮތަށް ހުރި ނަމަވެސް ތަފާތު ކޮށްލުމަށް ބޭނުން ނަމަ ގޭގެ ފިރެހެންވެރިން ކެއްކުމަށް ބަދިގެއަށް ވައްދާށެވެ. އަދި ގޭތެރެ ކުޑަކޮށް ޒީނަތްތެރި ކޮށްލާށެވެ.
ގެއިން ބޭރަށް ނުނިކުމެއުޅޭތާ ގިނަ ދުވަސްވެ ކުޑަކުދިން ބޭރަށް ދާން ބޭނުންވެގެން އުޅޭހެއްޔެވެ. ގޭގައި ހުންނަ ތަކެތި ބޭނުން ކޮށްގެން ކުޅެވިދާނެ އެތަށް ކުޅިވަރެއް އެބަ ހުއްޓެވެ. ކުދިންގެ ސަމާލުކަން އެކަމަށް ހުސްކޮށް ކިޔެވުމާއި އެއްކޮށްވެސް ގެންދެވިދާނެ ތަފާތު ކުޅިވަރުތަށް ހުރެއެވެ.
މިފަދަ އެތަށް ކުޅިވަރަކުން ކުދިންނަށް އެއީ ތަފާތު މާހައުލެއްކަން އަންގައި ދެވިދާނެއެވެ. ބޭނުން ވަނީ ކުޑަ ހިތްވަރެކެވެ. މިފަދަ ދުވަހެއްގައި ގޭގައި ތިބި އާއިލާ މެންބަރުންނަށްވެސް އެ ކުދިންނާއެކު ބައިވެރިވެވި ދާނެއެވެ. އެ ކުދިންނަށް ހިތްހަމަޖެހޭ މާހައުލެއް ގާއިމްކޮށްދީ ތަފާތު އީދެއްކަން ވިސްނޭ ގޮތަށް ބަދަލު ކުރެވިދާނެއެވެ.
އިތުރު މުހިންމު ކަމެއް އެބައޮތެވެ. އީދުގައި ހަދިޔާ ބަދިޔާ ބަދަލު ކުރުމެވެ. މިއީ ގިނަ އާއިލާތަކުގައި ކޮށްއުޅޭ ކަމެކެވެ. މިފަހަރު އަތުން އަތަށް ދޭ ހަދިޔާގެ ބަދަލުގައި އޮންލައިންކޮށް ހަދިޔާ ދޭށެވެ. އެކައުންޓަށް ލާރިކޮޅެއް ޓްރާންސްފާ ކޮށްލައިގެން ހަދިޔާއެއްގެ ގޮތުގައި ދެވިދާނެއެވެ. އޮންލައިން ޕޭޖަކުން އާއިލާގެ މެންބަރަކަށް ސަޕްރައިޒެއް ވެސް ދެވިދާނެއެވެ.
މާދަމާ މިފެށޭ އުފާވެރި ދުވަހުގައިވެސް ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފަވާ ދުރުކަން ގާތްކަމަށް ބަދަލު ކުރުމަށް މިދަފަދަ ކިތަންމެ ކަމެއް ކުރެވިދާނެއެވެ. އަމިއްލަ ނަފްސާއި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ވަރުގަދަ ކުރެވިދާނެއެވެ.