ފަރުވާ ނުދެވިގެން ހަތަރު މަހުގެ ތުއްތު ކުއްޖަކު މަންމަގެ ކޮނޑުމަތީގައި މަރުވި ކަމަށް ބުނާ މައްސަލަ، އެފަދަ އެހެން ކޭސްތަކުގައި އަމަލުކުރަމުން ދާ އުސޫލުގެ ދަށުން ބަލަމުންދާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އިއްޔެ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، މަރުވި ކުއްޖާ އިމަޖެންސީއަށް ގެންދިއުމާއެކު އިމަޖެންސީ ޑޮކްޓަރުން، ސްޕެޝަލިސްޓުންގެ ލަފައާއެކު ކުއްޖާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ކުއްޖާގެ ބަލި ދެނަގަތުމަށް އަލްޓްރާސައުންޑާއި ސީޓީ ސްކޭންވެސް ހަދާފައިވާ ކަމަށާއި އެ ކަން ހިނގި ގޮތުގެ ތަފްސީލު މައުލޫމާތު ކުއްޖާގެ އާއިލާ އަށް ދީފައި ވާނެ ކަމަށްވެސް އޭޑީކޭން ބުނެއެވެ.

ކުއްޖާގެ ހާލަތު ބަދަލުވުމާ ގުޅިގެން ފުރާނަ ސަލާމަތްކުރުމަށްޓަކައި އިމަޖެންސީ ފިޒީޝަންއަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން، އޮޕަރޭޝަން ޑޮކްޓަރުން އަދި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދިން. ނަމަވެސް އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފަ
އޭޑީކޭ

ނަމަވެސް އާއިލާއާ ހަވާލާދީ ބައެެއް މީޑިއާތަކުން މިއަދު ބުނެފައި ވަނީ އެ ކުއްޖާ މަރުވީ އެ ކުއްޖާ ގޮވައިގެން ހޮސޕިޓަލަށް ގޮސް ހުރި މަންމަގެ ކޮނޑުމަތީގައި ކުއްޖާ އަށް ފަރުވާ ނުދެވި އޮއްވައި ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ކުއްޖާގެ އާއިލާ އާ ގުޅޭ ގޮތް ވެފައި ނުވުމުން، އެއާއިލާގެ ބަހެއް ވަނީ ނުލިބިފައެވެ. އަދި މިކަމާ ގުޅިގެން ފުލުހުންވެސް ބަހެއް ބުނެފައެެއް ނުވެއެވެ.