ލިޔެކިޔުން ނެތް ބަންގްލަދޭޝްގެ 840 މީހަކު ފޮނުވާލެވިއްޖެ ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 21 އިން ފެށިގެން މިދިޔަ މަހެއްހާ ދުވަސް ތެރޭ ބަންގްލަދޭޝްގެ 840 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ މީހުން އަނބުރާ ގައުމަށް ފުރުވާލުމުގައި ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ހަފްތާ ކުރީކޮޅު ސަރުކާރުން މަސައްކަތް ކުރީ ލިޔެކިޔުން ނެތް، މީހުންގެ ތެރެއިން ގައުމަށް އަނބުރާ ދާން ބޭނުންވީ ބަންގްލަދޭޝް މީހުން އެ ގައުމަށް ފުރުވާލުމަށް، ނަމަވެސް އިންޑިއާއި ބަންގްލަދޭޝްއަށް ކުރިމަތިވި ބާރުގަދަ ތޫފާން އަމްފާންއާ ގުޅިގެން އެ ފްލައިޓް ކެންސަލްވެފައި އޮތުމަށް ފަހު މިއަދު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި 352 މީހަކު އެ ގައުމަށް ފުރުވާލައިފައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓުގައި ފޮނުވާލެވިފައިވާ 68 މީހަކާއި މިމަހުގެ 16 ވަނަ ދުވަހު ބީމަން އެއާގައި ފޮނުވާލެވިފައިވާ 353 މީހަކާއި 17 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓެއްގައި ފޮނުވާލި 67 މީހެއްގެ އިތުރުން މިއަދު މޯލްޑިވިއަންގައި ފޮނުވާލި މީހުންނެވެ.

އެތަށް ފަހަރެއްގެ މަތިން ބިދޭސީން އެކި ގައުމުތަކަށް ގެންދިއުމަށް މޯލްޑިވިއަނުން ދަނީ ކޮވިޑްގެ މިހާލަތުގައިވެސް ދަތުރުތަށް ބާއްވަމުންނެވެ.