ކޮވިޑް-19 އަށް ފަހު ރާއްޖޭގައި ސޭފް ޓޫރިޒަމް ފަށާ ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ "ސޭފް ޓޫރިޒަމް ގައިޑްލައިންގައި" ހުރި ފީތައް ނުނެގުމަށް ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ އެ ގައިޑްލައިންގައި ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ސަރުކާރުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތްތަކާއި އެކި ކަންކަމާއި ގުޅިގެން ނަގާނެ ފީތަކާއި ރިސޯޓުތަކުން އަމަލުކުރަން ޖެހޭނެ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ގައިޑްލައިނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ހުޅުވާލައިފައެވެ. މީގެއިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ބައެއް ޖަމިއްޔާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން މަޓީ، ބޯޓިން އެސޯސިއޭޝަން އަދި ގެސްޓު ހައުސް އެސޯސިއޭޝަން ހިމެނެއެވެ. މީގެއިތުރުންވެސް ގިނަ އެހެން ޖަމިއްޔާތަކާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުފައި ޓޫރިޒަމް އެސޯސިއޭޝަނުން ވަނީ ގައިޑްލައިންގައި ކަނޑައަޅާފައިވާ ފީތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ އެ ގައިޑްލައިންގެ ފައިނަލް ޑްރާފްޓެއް އެކުލަވާލާނެ ކަމަށް ބުނެފައެވެ.
އެ ގައިޑްލައިންގައި ނިއު ނޯމަލްގައި ރާއްޖެއަށް ފަތުރުވެރިން ގެނެވޭނީ، "ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް" ދޫކުރާ ރިސޯޓްތަކަށް އެކަނި ކަމަށް ބުނެފައިވެއެވެ. ލައިސަންސެއް ނަގަން ޖެހޭ އިރު، ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައި ވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުންނެވެ.
ލައިސަންސަށް އެދޭ ރިސޯޓުތަކުގައި ނަރުހަކާއި ޑޮކްޓަރަކު ހުންނަން ޖެހޭނެ ކަމަށް ބުނެފައި ވާއިރު އެ ލައިސަންސް ދޫކުރާނީ 50،000 ޑޮލަރުގެ ފީއަކަށެވެ.
މީގެއިތުރުން ރާއްޖެއަށް ޖައްސާ ޖެޓާއި ސުޕާ ޔޮޓު ފަހަރުތަކުންވެސް ފީއެއް ނަގައެވެ. އެގޮތުން ޖެޓުތަކުން 50،000 ޑޮލަރުގެ ފީއެއް ނަގަމުން އަންނައިރު ސަފާރީތަކުން 10،000 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ހިމަނާފައެވެ.