އިންޑިއާއަކީ މުސްލިމުންނާ އިސްލާމް ދިނާ މެދު އެހެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރާ ގައުމެއް ކަމަށް ބުނެ ޕާކިސްތާނުން ދެއްކި ވާހަކަތަކަކާ ގުޅިގެން، ދިވެހިރާއްޖެއިން އިންޑިއާގެ ދިފާއުގައި ތެދުވެއްޖެއެވެ.

ދާދިފަހުން ކުރިއަށް ދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމް ކޯޕަރޭޝަން (އޯއައިސީ)ގެ ވާޗުއަލް ބައްދަލުވުމެއްގައި ޕާކިސްތާނުން އިންޑިއާއަށް ފާޑުކިއުންތަކެއް އަމާޒުކުރުމުން އޭގެ ރައްދުގައި ދިވެހިރާއްޖެއިން ވަނީ އިންޑިއާގެ ދިފާއަށް ތެދުވެ، މިފަދަ ކަމެއްގައި ހަމައެކަނި އިންޑިއާގެ ނަން ފާހަގަކޮށް ބަދުނާމު ކުރުމަކީ ހެކީގެ މައްޗަށް ބަލާއިރުވެސް ސައްހަ ވާހަކައެއް ނޫންކަމަށް ބުނެފައެވެ.

އިންޑިއާއިންދަނީ އިސްލާމުންނާ މެދު ބިރުވެރިކަމާ ނަފުރަތު އުފެދޭ އެޖެންޑާއެއް ޕްރޮމޯޓްކުރަމުން ކަމަށް ޕާކިސްތާނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މުނީރު އަކްރަމް ވިދާޅުވުމާއެކު، ދިވެހިރާއްޖެއިން ވަނީ، މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިއާއަކީ 200 މިލިއަނެއްހާ މުސްލިމުންގެ ވަޒަންކަން ފާހަގަކޮށް، މިފަދަ ތުހުމަތެއް އަމާޒުކުރުމަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ސުލްހައަށް އޮތް ނުރައްކަލެއް ކަމަށް ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައަކީ މުޅި ގައުމުގެ ހުރިހާ ރައްޔިތުންގެ ފިކުރުކަމަށް ބުނެވެން ނެތްކަމަށްވެސް ރާއްޖެއިން ވަނީ މި ބައްދަލުވުމުގައި ފާހަގަކޮށްފައެވެ.

މިމޭރުމުން އިންޑިއާގެ ދިފާއުގައި ވާހަކަދައްކަމުން ދިވެހިރާއްޖެއިން ވަނީ، މިފަހަކަށް އައިސް އިސްލާމީ ދައުލަތްތަކާ އިންޑިއާއާއި ދެމެދު ބަދަހިވެގެންދިޔަ ގާތް ގުޅުންތަކުގެ ވާހަކަވެސް ހިއްސާކޮށްފައެވެ. އެގޮތުން، ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް، އަފްގާނިސްތާނު، ފަލަސްތީނު އަދި މޮރިޝަސް ފަދަ ގައުމުތަކާއެކު އިންޑިއާއިން ބާއްވާ ގާތް ގުޅުން ފާހަގަކޮށް، ދިވެހިރާއްޖެއިން ވަނީ، އެ ގައުމުތަކުން ފަރުދީ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްތައްވެސް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް އަރުވާފައިވާކަން ހަނދާންކޮށްދީފައެވެ.

ހަމަ މިއާއެކު، ދިވެހިރާއްޖެއިންވަނީ ދެކުނު އޭޝިއާގެ ގައުމުތައް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތްތަކެއް ހޯދުމަށްވެސް ގޮވާލާފައެވެ.