ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައިވާ މާބަނޑު ޕޭޝަންޓުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށް ދެމުން ދާ އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި ދުޅަހެޔޮ ހާލުގައި 100 އަށް ވުރެ ގިނަ ތުއްތު ކުދިން އުފަންވެއްޖެއެވެ.

މުމްބާއީގެ ލޮކްމާންޔާ ތިލަކު މުނިސިޕަލް ޖެނެރަލް ހޮސްޕިޓަލުގައި ފާއިތުވީ މަހެއްހާ ދުވަހު، ކޮވިޑް-19އަށް ޕޮޒިޓިވް ވި މައިންނަށް 115 ކުދިން އުފަންވިއެވެ. މީގެ ތެރެއިން، ކޮވިޑް-19އަށް ޕޮޒިޓިވް ވިކަމަށް ފުރަތަމަ ދެއްކީ އެންމެ 3 ކުދިން ކަމަށާ، ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން އެ ނަތީޖާވެސް ނެގެޓިވް ވި ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ސިއޯން ހޮސްޕިޓަލުގެ ގޮތުގައި މަޝްހޫރު ވެފައިވާ މި ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު މީހުންގެ ތެރެއިން ކޮވިޑް-19އަށް އިންފެކްޓް ވެފައިވާ ޕޭޝަންޓުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންގެ ދަރިން ނަގާފައި ވަނީ ސިޒޭރިއަން ހަދައިގެންނެވެ. އިންފެކްޓް ވެފައިވާ ބައެއް މައިންނަށް އިތުރު ފަރުވާ ދިނުމަށް އެހެން ހޮސްޕިޓަލުތަކަށް ދާން އަންގާފައި ވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތް އިރު، މި މައިން ކޮވިޑް-19އަށް އިންފެކްޓް ވެފައި ވަނީ ގެއިން ކަމެއް، ބޭރު ތެރެއިން ކަމެއް ނުވަތަ ހޮސްޕިޓަލުގެ ވޯޑުން ކަމެއް އަދި ސާފެއް ނުވެއެވެ.

40 އެނދުގެ ހާއްސަ ވޯޑެއް އޮޕަރޭޓް ކުރަމުން ދާ މި ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޕޮޒިޓިވް މައިންނަށް ފަރުވާ ދިނުމަށް ހަރަކާތްތެރި ވަނީ 65 ޑޮކްޓަރުންނާ 24 ނަރުހުންގެ ވަރުގަދަ ޕޫލަކުންނެވެ. 3 އޮޕަރޭޝަން ތިއޭޓަރުގައި، 6 އޮޕަރޭޓިންގް މޭޒެއްގެ މަތީގައި ކުދިން ނެގުމުގެ މަސައްކަތުގައި ޑޮކްޓަރުންނާ ނަރުހުންގެ އިތުރުން ހޭ ނައްތާ ޑޮކްޓަރުން ހަރަކާތްތެރި ވަނީ ހަށި ރައްކަލަށް ބޭނުންވާ ގިއަރުގައެވެ.

ހޮސްޕިޓަލުގެ ގައިނީ ޑިޕާޓްމަންޓްގެ އިސްވެރިއާ ޑރ އަރޫން ނާޔަކް ވިދާޅުވީ، ބައެއް މައިން ހާސްވެ، ނުތަވަސްވެ، މަރުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެމައިން މަރުވިކަމުގައި ވީ ނަމަވެސް، ދަރިންނަށް ދުޅަހެޔޮ ސިއްހަތެއް ކަށަވަރު ކޮށްދިނުމަށް އެ މައިން އެދެމުން ދާކަމަށްވެސް ޑރ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވް މާބަނޑު މީހުން ވިހެއުމަށްފަހު ނުވަތަ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުމަށް ފަހު އިތުރު ފަރުވާ ދެމުން ދަނީ އެކަމަށް ހާއްސަ ވޯޑެއްގައެވެ. ހަފުތާއެއް ވަންދެން މި ވޯޑުގައި ފަރުވާ ދެއެވެ. މި ފަރުވާގެ ތެރޭގައި ހައިޑްރޮކޮސިކްލޮރޮކުއިން ބޭނުން ކުރާކަމަށް މައުލޫމާތު ލިބެއެވެ. މި މައިންނަށް އުފަންވާ ދަރިން އައިސޮލޭޓެއް ނުކުރެއެވެ. ފޭސްމާސްކު އަޅައިގެން ތިބިމައިންގެ ގާތުން ކިރުވެސްދެއެވެ.

ނިއުޔޯކް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން އެންޑް ހެސެންފްލެޑް ޗިލްރަންސް ހޮސްޕިޓަލްގެ ޑައިރެކްޓާ އޮފް ޕީޑިއަޓްރިކް އިންފެކްޝަސް ޑިޒީޒަސް ޑރ އެޑަމް ރެޓްނާ ވިދާޅުވާ ގޮތުގައި، މައިމީހާގެ ބަނޑު ތެރޭގައި ދަރިފުޅު އޮންނަ ވަގުތާ، މައިމީހާ ލާ ނޭވާގެ ޒަރިއްޔާއިން ބޭރުވާ ވައިރަހުގެ ތިކިތަކާ ކޮންޓެކްޓްވުމުގެ ކުރިން، ވިހެއުމުގެ ތެރޭގައި މައިމީހާގެ ޒަރިއްޔާއިން ދަރިފުޅަށް އިންފެކްޝަންގެ އަސަރު ކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. ނަމަވެސް އަދުގެ ހާލަތަކީ އަވަސް އަވަހަށް ބަދަލުވަމުންދާ ހާލަތެއް ކަމަށާ، އާ މައުލޫމާތެއް ފަހުންވެސް ލިބިދާނެ ކަމަށެވެ.

ޑރ ރެޓްނާ ވިދާޅުވީ، ޕްލެސެންޓާގެ ޓިޝޫއިންވެސް ކޮވިޑް-19ގެ އަސަރުތަކެއް ފެންނަ ކަމަށް، މިހާރު ލިބެމުންދާ ބައެއް މައުލޫމާތު ހެކި ދޭ ކަމަށެވެ. އަދި ބަނޑަށް ދަރިފުޅު މަރުވުމުގެ ރިޕޯޓްތަކެއްވެސް ލިބިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ޑައިރެކްޓް އިންފެކްޝަންއެއްގެ އިތުރުން އެހެން ސަބަބުތަކެއް އެކުލެވޭ ކަމަކަށް ވެދާނެ ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ ރެޓްނާ އިތުރަށް ވިދާޅުވީ ޕޮޒިޓިވް ޕޭޝަންޓުންނަށް އުފަންވާ ބައެއް ކުދިންގެ ހަށިގަނޑުން އެންޓިބޮޑީގެ އަސަރު ފާހަގަކުރެވޭ ކަމަށާ، ފަހަރުގައި އެ ތުއްތު ކުއްޖީ ބަނޑުގައި އޮވެ، ބައްޔަށް އިންފެކްޓިވި ކުއްޖަކަށްވެސް ވެދާނެ ކަމަށެވެ. މި ސުވާލުތަކަކީ އޭގެ ޖަވާބުތައް ދެނެގަތުމަށް އަދިވެސް ދިރާސާ ކުރަންޖެހޭނެ ދާއިރާއެއް ކަން ޑރ ރެޓްނާ ފާހަގަކުރައްވައެވެ.

20000 އަށްވުރެ ގިނަ ޕޮޒިޓިވް ކޭހާ، 730 މަރުގެ ރިޕޯޓްއާއިއެކު މުމްބާއީއަކީ މިވަގުތު އިންޑިއާގެ ކޮވިޑް-19ގެ ހަބު ކަމުގައިވެސް ބުނެވިދާނެއެވެ.

ސިއޯން ހޮސްޕިޓަލަށް ދިޔަ ކޮވިޑް-19އަށް ޕޮޒިޓިވް މާބަނޑު ޕޭޝަންޓުންގެ ތެރެއިން މި ދުނިޔެއާއި ވަކިވީ 2 މީހެކެވެ. މީގެ ތެރެއިން އެކަކު މަރުވީ ދަރިފުޅު އުފަންވުމުގެ ކުރިންނެވެ.