ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިންސާނީ ދަރިފަސްކޮޅަށް ފެތުރުނީ މިންކްގެ ޒަރިއްޔާއިން ކަމުގައިވުން އެކަށީގެންވާ ކަމަށް ނެދަލަންޑްސްގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މިންކްއަކީ ހިސާބަކަށް ފެނުގައިވެސް ދިރިއުޅޭ، ގައިކުލަ އަނދިރި، މަންމަލި ޖަނަވާރެކެވެ.

ކޮވިޑް-19އާ ގުޅިގެން މިންކް ފާމްތަކެއްގައި ކުރިއަށްދާ ދިރާސާތަކަކާ ހަވާލާދީ، ނެދަލަންޑްސްގެ ސަރުކާރުން އާންމުކޮށްފައިވާ ބަޔާނެއް ބުނެފައިވާ ގޮތުގައި، މި އިންފެކްޝަން އިންސާނެއްގެ ހަށިގަނޑަށް ދަތުރުކުރީ މިންކްއެއްގެ ޒަރިއްޔާއިން ކަމަށްވެދާނެ ކަމަށެވެ. އަދި ބައްޔަށް އިންފެކްޓްވެފައިވާ މިންކްއެއްގެ ހަށިގަނޑުން ވައިރަހުގެ އަސަރު ނުފެނި ހުރުންވެސް އެކަށީގެންވާކަމަށް ދިރާސާއިން ދައްކާފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

ނެދަލަންޑްސްގެ ސަރުކާރުން ބުނީ މިންކްގެ ހަށިގަނޑުގައި އެންޓިބޮޑީޒް ހުރި މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދާ ދިރާސާ އިތުރަށް ފުޅާ ކުރަން ހަމަޖެހިފައި ވާކަމަށާ، ނެދަލަންޑްސްގައި މިންކް ގެންގުޅޭ ހުރިހާ ފާމެއްގައި މި ދިރާސާ ކުރިއަށް ގެންދާނެ ކަމަށެވެ.

ހަމަ މިއާއެކު އެއް ފާމްއިން އަނެއް ފާމްއަށް ވައިރަސް އުފުލުމުގައި ބުޅަލުގެ ދައުރެއް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ނެދަލަންޑްސްގެ ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން 2 ފާމްއަކުން ފެނުނީ ދާދި އެއްގޮތް އިންފެކްޝަނެއް ކަމަށާ، އެތަނުން އެއް މިންކް ފާމްގައި އޮތް 11 ބުޅަލުގެ ތެރެއިން 3 ބުޅަލެއްވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.

ކަންމިހެން އޮތްއިރު، ބަލީގެ އަސަރު ފެނިފައިވާ މިންކް ފާމްތަކަށް ބުޅަލަށް ނުވަދެނޭކަން ކަށަވަރު ކުރުމަށްވެސް ނެދަލަންޑަސްގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ޗައިނާގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިންގާ، ވޫހާން ސިޓީއިން، މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ބަލީގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދިވެސް ހޯދިފައި ނުވާއިރު މިކަމުގެ މިނިވަން ތަހުގީގެއް ހިންގުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ މެމްބަރު ގައުމު ތަކުންވަނީ ގޮވާލާފައެވެ.