ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރުމުގެ މަގު ތަނަވަސްވާ ގޮތަށް، މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ވަރަށް ފަސޭހައިން ނަތީޖާ ނެރެވޭ މެޝިނެއް އުފައްދާފައި ވާކަމަށް އަބޫދާބީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އިންޓަނޭޝަނަލް ހޯލްޑިންގްސް ކޮމްޕެނީ (އައި.އެޗް.ސީ)ގެ މެޑިކަލް ރިސާޗް ގޮފި ކަމަށްވާ ކުއަންޓްލޭޒް އިމޭޖިންގް ލެބްއިން ހާމަކޮށްފިއެވެ.

މިއީ މިފަދަ ގޮތަކަށް ދުނިޔޭގައި އުފެއްދި ފުރަތަމަ މެޝިން ކަމަށް ޚަބަރުތައް ބުނާއިރު، މިއީ ކޮވިޑް-19ގެ ދިރާސާއާއާއި އިންގިލާބީ ބަދަލުތަކުގެ ހަބަކަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ހަދާނެ އީޖާދެއް ކަމަށް އެގައުމުގެ މީޑިއާ ބުނެއެވެ.

މި މެޝިނަކީ ކޮވިޑް-19އަށް އިންފެކްޓްވެފައިވާ ޕޭޝަންޓުންނާ، އެ ވައިރަސް އުފުލާ މީހުންގެ ހަށިގަނޑުން އަލާމާތްތައް ފެނުމުގެ ކުރިންވެސް ބަލި ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ މެޝިނެއް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން މިއީ ފުޅާދާއިރާއެއްގައި ސްކްރީން ކުރުމުގެ އޮޕަރޭޝަނަށްވެސް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށް ބެލެވެއެވެ.

ޔޫއޭއީގެ ސިއްހަތާ ބެހޭ ވަޒީރު ޢަބްދުއްރަޙްމާން ބިން މުޙައްމަދު ބިން ނާސިރު އަލް އުވައިސް ވިދާޅުވީ، ކުއަންޓްލޭޒްގެ މެޝިންއާ ގުޅުން ހުރި ކަންކަން ބެލުމުގައި ސިއްހީ އޮފިޝަލުން ހަރަކާތްތެރިވެ ވަޑައިގެންފައި ވާ ކަމަށާ، މިއީ ރައްޔިތުންނަށް ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުމުގައި ކާމިޔާބު އީޖާދެއް ކަމަށެވެ.

މި މެޝިން ފަރުމާކޮށްފައި ވަނީ ސީމޯސް ޑިޓެކްޓަރެއް ބޭނުން ކޮށްގެން ކަމަށް ވާއިރު މިއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު، ބައްޔަށް ސްކްރީންކޮށް، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނަތީޖާ ނެރެދޭ މެޝިނެއް ކަމަށް، ދިރާސާ ކުރުމުގައި ލެބްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ ޕްރަމޫދު ކުމާރު ވަނީ ހާމަކުރައްވާފައެވެ.

މި މެޝިންގެ އިތުރު ފައިދާތަކަށް ބަލާއިރު މިއީ ޕޭޝަންޓަށް އެއްވެސް ވަރެއްގެ ތަދެއް އިހުސާސްވާނެ މެޝިނެއް ނޫންކަން ފާހަގަ ކުރަންޖެހެއެވެ. އަދި މިއީ ބޭނުން ކުރަންވެސް ފަސޭހަ، ކަމާ ބެހޭ ޓެކްނޮލޮޖިސްޓުންނަށް މާ ބޮޑު ތަމްރީނެއްވެސް އިތުރަށް ބޭނުން ނުވާ ގޮތަށް ތައްޔާރު ކޮށްފައިވާ މެޝިނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19އަކީ ދުނިޔެއަށް އާންމުވެފައިވާ ސިއްހީ ކުއްލި ނަރައްކަލުގެ ދަރަޖައިގެ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ކަނޑައެޅި ހިސާބުން ފެށިގން އިންޖިނޭރުންނާ ސައެންސްވެރިން ދަނީ، ބަލި ދެނެގަތުމަށް ހޭދަވާ ވަގުތު ވީހާވެސް ކުޑަކޮށް، ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ސިއްހީ ހިދުމަތްތެރިންނަށް ހޭދަކުރަން ލިބޭ ވަގުތު އިތުރުވާނެ ފަދަ މަގުތައް ހޯދާ ބަލަމުންނެވެ.

އެގޮތުން ކުއަންޓްލޭޒްއިން ފަރުމާކުރި އާ މެޝިނަކީ، ކުރިއަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި ބާޒަރަށް ނިކުންނާނެ މެޝިނެއް ކަމަށްވެސް ޚަބަރު ލިބެއެވެ.