1988 ވަނަ އަހަރު، ހޮޓަލެއްގައި ތިއްބާ ވަގަށް ނެގި ފިރިހެން ދަރިފުޅާ، ޗައިނާގެ ދެމަފިރިއަކު ފުރަތަމަ ފަހަރަށް ބައްދަލު ވެއްޖެއެވެ.

އުމުރުން އެންމެ 2 އަހަރުގެ މާއޯ ޔީން ވަގަށް ނަގާފައި ވަނީ، ނާސަރީއިން ގެއަށް ދިޔަ މަގުމަތީގައި ދަރިފުޅަށް ފެންފޮދެއް ހޯދާދިނުމަށް ބައްޕަ ދިޔަ ވަގުތުއެވެ.

މާއޯ ހޯދުމަށް އޭނާގެ މައިންބަފައިން ވަނީ މުޅި ގައުމުގައި އަތްފުނާ އަޅާފައެވެ. އަދި ލައްކައަކަށް ވުރެ ގިނަ ފްލަޔާޒްވެސް ބެހިއެވެ.

މިހާރު އުމުރުން 34 އަހަރު ފުރިފައިވާ މާއޯއާއި އޭނާގެ މަންމައާއި ބައްޕަ، 32 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބައްދަލުވީ، މިދިޔަ ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މާއޯ ބުނާ ގޮތުގައި އޭނާގެ އުމުރުގެ ބާކީ އޮތް ދުވަސްތައް ދެން ހޭދަކުރާނީ އޭނާގެ މައިންބަފައިންނާ އެކުގައެވެ.

މާއޯގެ މަންމަ، ލީ ޝިންގްޒީ ވަނީ އާއިލާ އެއްތަން ކޮށްދިނުމަށް މަސައްކަތް ކޮށްދިން އެތައް ހާސް ބަޔަކަށް ޝުކުރު އަދާކުރާކަމަށް ބުނެއެވެ.

މާއޯއަށް ވީ ކިހިނެއް؟

އެއީ 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހެއެވެ. މާއޯގެ ނާސަރީއިން އޭނާ ގެއަށް ދިޔަ މަގުމަތީގައި، ފެންބޯން ބޭނުން ވުމުން އެ ދެބަފައިން މަޑުކޮށްލީ ހޮޓަލެއްގެ ދޮރުމަތީގައެވެ. ފެން ފޮދެއް ހޯދައިގެން، ލިބުނު ހޫނު ފެންފޮދު މާއޯއަށް ބޮވޭނެ ވަރަށް ހިހޫ ކޮށްދިނުމަށް ބައްޕަ މާއޯ ޝެންޖިންގް މަސައްކަތް ކުރަމުން ދިޔައެވެ. ދަރިފުޅާ ވީ ދިމާލުން ނަޒަރު ކައްސާލީ ކުޑަ ވަގުތު ކޮޅަކަށެވެ. އެ ދަރިފުޅު ގެއްލުނީވެސް އެ ވަގުތުކޮޅުއެވެ.

ދަރިފުޅު މާއޯ ގެއްލުމާއެކު މަންމަ ވަޒީފާވެސް ދޫކޮށްލިއެވެ. ދަރިފުޅު ހޯދުމަށް ވަގުތު ހުސްކުރުމަށެވެ. އޭގެ ފަހުން އޭނާ ވަނީ ޗައިނާގެ ގިނަ އަދަދެއްގެ ޓީވީ ޝޯތަކަށްވެސް އަރާ، ދަރިފުޅުގެ މައުލޫމާތު ދީފައެވެ. ދަރިފުޅު ހޯދުމާ ވަރަށް ގާތަށް އާދެވުނު ފަހަރަކުވެސް، އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. ލީ ދިޔައީ ލިބުނު ހުރިހާ މައުލޫމާތެއްގެ ބޭނުން ހިފަމުންނެވެ. އޭނާ ފަދައިން، ދަރިން ގެއްލިފައި ވާ މައިންނާ ބަފައިންނަށް އެހީވުމަށް ހަރަކާތްތެރިވާ ގުރޫޕެއް ކަމަށްވާ "ބޭބީ ކަމް ބެކް ހޯމް" ގައި ހިލޭ ސާބަހަށް ލީ މަސައްކަތް ކުރިއެވެ. ދަރިފުޅު ފެނުނު ނަމަވެސް، ލީ ހުރީ އެ ގުރޫޕާއެކު ކުރިއަށް ދާ ގޮތަށެވެ.

މާއޯ ޔީން ފެނުނީ ކިހިނެއް؟

އެއީ މިދިޔަ އޭޕްރިލް މަހެވެ. ޓިޕް ނުވަތަ މައުލޫމާތު ލިބުނީ ފުލުހުންނަށެވެ. ޗައިނާގެ ޝިޗުއާން ޕްރޮވިންސްއިންނެވެ. މީގެ އެތައް އަހަރެއް ކުރިން ފިރިހެނަކު، ކުޑަކުއްޖެއް އެޑޮޕްޓް ކުރި ކަމަށް ލިބުނު "ޓިޕް" ގައި ބުންޏެވެ.

ފުލުހުންގެ މަސައްކަތުން، އެ ފިރިހެންމީހާ އެޑޮޕްޓްކުރި ކުއްޖާ ހޯދިއެވެ. އަދި ޑިއެންއޭ ޓެސްޓެއް ހެދިއެވެ. މާއޯ ޝެންޖިންގްއާއި ލީއާ ވެސް ޑީއެންއޭ ދިމާވެ، ޕޮޒިޓިވް ވިއެވެ. އޭރު މާއީ ޔީންގެ ނަމަކަށް އޮތީ ގޫ ނިންޏިންގްއެވެ. އޭނާ ދިޔައީ އަމިއްލަ ވިޔަފާރިއެއްވެސް ހިންގަމުންނެވެ.

ޗައިނާގެ ފުލުހުން ބުނާ ގޮތުގައި ކުޑަކުއްޖެއްގެ ގޮތުގައި މާއީ ޔީން ވި ދުވަހު، ދަރިން ނުލިބޭ ދެމަފިރިއަކަށް އޭނާ ވަނީ ވިއްކާލާފައެވެ. މާއޯ ޔީން ވިއްކާލާފައި ވަނީ މިއަދުގެ ނިސްބަތުން ބަލާނަމަ ގާތްގަނޑަކަށް 840 ޑޮލަރަށެވެ.

މާއޯ ޔީންގެ ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. މާއޯ ޔީން ބަލާ ބޮޑުކުރި ދެމަފިރިންނާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުދިން ވަގަށް ނަގާ، ވިއްކުމުގެ މައްސަލައަކީ ޗައިނާގައި މިހާރުވެސް ބޮޑުވެފައިވާ މައްސަލައެކެވެ. 2015 ވަނަ އަހަރުގެ ރެކޯޑްތަކަށް ބަލާއިރު، އަހަރަކު 20000 އެއްހާ ކުދިން ޗައިނާގައި ވަގަށް ނަގައެވެ.