އާއިލާގެ އަބުރަށް އުނިކަން ލިބޭފަދަ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ، އާއިލީ ގަދަރަށްޓަކައި ޕާކިސްތާނުގައި ދާދި ފަހުން މަރާލި 2 އަންހެން ކުދިންނާއެކު ބަދު އަހުލާގީ އަމަލު ހިންގި ފިރިހެން މީހާ ހައްޔަރު ކޮށްފައި ވާކަމަށް ޕާކިސްތާނު ފުލުހުން ބުނެފިއެވެ.

ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު، އުމުރުން 16 އަހަރާ 18 އަހަރުގެ 2 އަންހެން ކުދިން މަރާލާފައި ވަނީ އެކުދިންގެ އަމިއްލަ އާއިލާތަކުންނެވެ. އެ ކުދިން މަރާލީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުން ދާ ވީޑިއޯއެއްގެ ސަބަބުން އާއިލާގެ އަބުރަށް އުނިކަން ލިބޭކަމަށް ބުނެއެވެ. އެ ވީޑިއޯގައި ފެންނަނީ 3 އަންހެން ކުއްޖަކާ ފިރިހެނަކު އެކަހެރިކޮށް ބައްދަލުކޮށް، އުޅޭ މަންޒަރެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރީގެ މަންޒަރުތަެކއް ނަމަވެސް، އެ ވީޑިއޯ ވައިރަލް ވެގެން އުޅެނީ ދާދި ފަހުންނެވެ.

ޕާކިސްތާނު ފުލުހުންގެ ބަޔާނަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި މި ވީޑިއޯގެ މައްސަލާގައި ދައުވާ ކުރަމުންދަނީ އުމުރުން 28 އަހަރުގެ އުމަރު އަޔާޒް ނަމަކަށް ކިއާ މީހެއްގެ މައްޗަށެވެ. އަދި އޭނާއާއި ދެކޮޅަށް ދައުވާ ކުރަނީ މިފަދަ ވީޑިއޯއެއް ހެދި މައްސަލާގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ ޖަނާޒާއެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފައިލް ފޮޓޯ: އެންޕީއާރް

މީގެ އިތުރުން، މަރާލި އަންހެން ދެކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ބައްޕައާއި، އާއިލާގެ އިތުރު 3 މެމްބަރުންވެސް ހައްޔަރު ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މި މީހުން ހައްޔަރު ކޮށްފައި ވަނީ އާއިލާގެ ޝަރަފާ، އަބުރަށްޓަކައި އަންހެން ކުދިންތަކެއް މަރާލިކަން، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރަން ފެއިލްވުމާ، ހެކި ފޮރުވަން މަސައްކަތް ކުރި ކަމުގެ މައްސަލާގައެވެ.

މި 2 އަންހެން ކުދިން މަރާލި މީހާ އަދިވެސް ހޯދިފައި ނުވާކަމަށް ޚަބަރު ލިބެއެވެ.

ޕާކިސްތާނު ފުލުހުން ބުނާ ގޮތުގައި އެމީހުން މިހާރުވެސް ދަނީ މުޙައްމަދު އަސްލަމް ނަމަކަށް ކިއާ މީހަކު ހޯދަމުންނެވެ. އަދި އިތުރު ފިރިހެނެއްވެސް ހައްޔަރު ކޮށްފައި ވާކަމަށާ، އެމީހަކީ ވީޑިއޯ ރެކޯޑްކުރި ފޯނުގެ ވެރި ފަރާތް ކަމަށާ، އޭނާ އާއި ދެކޮޅަށް ދައުވާ ކުރަނީ ވީޑިއޯ ދައުރު ކުރި މައްސަލާގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ޕާކިސްތާނުގެ އަވަށެއް ކަމަށްވާ ޝާމް ޕްލެއިން ގާރްޔޫމްގައި މަރާލި 2 އަންހެން ކުދިންނަކީ ދެބެންގެ ދެދަރި 2 ކުދިން ކަމަށް މައުލޫމާތު ލިބެއެވެ.

ޑިސްޓްރިކްޓް ޕޮލީސް އޮފިސަރެއް ކަމަށްވާ ޝާފިއުﷲ ގަންދާރުޕޫރު ވިދާޅުވީ މި ޖަރީމާގެ ވާހަކަ ފުލުހުންނަށް އެންމެ ފުރަތަމަ އެނގުނީވެސް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ކަމަށެވެ. މިއާއެކު އެ އަވަށަށް ފުލުސް އޮފިސަރުން ދަތުރު ކުރި ކަމަށާ، ހާދިސާ ހިނގި ސަރަހައްދުން ލޭގެ ނިޝާންތަކަކާ، ލޭގެ އަސަރު ހުރި ފޮތިވެސް ފެނުނު ކަމަށްވެސް އޮފިސަރު ވަނީ ވިދާޅުވެފައެވެ.

ފުލުހުން ލަފާކުރާ ގޮތުގައި ވީޑިއޯއިން ފެންނަ 3 ވަނަ އަންހެން ކުއްޖާއަކީ މަރާލާފައިވާ 2 އަންހެން ކުދިންގެ ގާތިލު ކައިވެނި ކޮށްގެން އުޅޭ ކުއްޖެކެވެ. 3 ވަނަ ކުއްޖާއާއި އަޔާޒްއާ ދެމެދު ވީޑިއޯގައި އެއްވެސް ގުޅުމެއް ހިންގާތީ ނުފެންނަ އިރު، އެ ކުއްޖާ މިވަގުތު އުޅެނީ ފިލައިގެން ކަމަށް ވެސް ފުލުހުން ލަފާކުރެއެވެ. އަދި އޭނާގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ، ޕާކިސްތާނުގެ ފުލުހުން ދަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި، އާއިލާގެ ޝަރަފާ އަބުރަށްޓަކައި އަހަރަކު 1000 މީހުންގެ ފުރާނަ، ޕާކިސްތާނުގައި ދުއްވާލައެވެ. ވަކިން ހާއްސަކޮށް، އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އަނިޔާގެ މައްސަލައަކީ ޕާކިސްތާނުގައި އަދިވެސް ސީރިއަސް ދަރަޖައެއްގައި އޮތް މައްސަލައެއް ކަމަށް އެކްޓިވިސްޓުން ބުނެއެވެ.